އައްޑޫ ސިޓީ ގަމުގައި ހިންގަމުން އަންނަ އީކުއޭޓާ ވިލެޖު ހިންގުމަށާ އައްޑޫގެ ތަރައްގީއަށް ހުރަސް ނޭޅޭ ގޮތަށް، މަސައްކަތްކުރުމަށް ޓޫރިޒަމް މިނިސްޓްރީއާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާނެ ކަމަށް ކައިމޫއިން ބުނެފިއެވެ.
އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމަށް ހިންގާ މަޝްރޫއާ އެކު، މައި މަގު ހެދުމަށްޓަކައި ބޭނުންވާ ސަރަހައްދުގައި އިކުއޭޓާ ވިލޭޖުގެ ސްޓާފް ކުއާޓާޒް ހިމެނޭއިރު، އެތަން ހުސްނުކުރުމުގެ ސަބަބުން އެ މަގުގެ މަސައްކަތް ހުއްޓިދާނެތީ އައްޑޫގެ ގިނަބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. އަދި މިކަމާއި އިކުއޭޓާގެ މެނޭޖްމަންޓާއި، ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް އަންނަނީ އަމާޒުވަމުންނެވެ.
މި މައްސަލަ ފެންމަތިވުމާއި ގުޅިގެން އީކުއޭޓާ ހިންގާ ކައިމޫ އިން ނެރުނު ބަޔާނެއްގައި ބުނީ އީކުއޭޓާ ވިލެޖު ހިންގަމުން އަންނަނީ 1999 ވަނަ އަހަރު ސޮއިކޮށް 2017 ވަނަ އަހަރު އައުކުރި އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އަދި އެއްބަސްވުމުގެ ދަށުން ދޫކޮށްފައި ވަނީ ރިސޯޓު ހިންގާ ބިންކަމަށާއި އޭގެތެރޭގައި އައު މަގު ތަރައްގީ ކުރަން ނިންމާފައިވާ ސަރަހައްދު ވެސް ހިމެނޭ ކަމަށެވެ. އެ ސަރަހައްދަކީ ރިސޯޓުގެ އޮޕަރޭޝަން ހިންގުމަށް މުހިންމު ތަންތަންކަން ފާހަގަކޮށް ކައިމޫއިން ބުނީ މި ހުރިހާ ތަނަކީ ވެސް ރިސޯޓުގެ ދުވަހުން ދުވަހަށް ހިންގުމަށް ކޮންމެހެން ބޭނުންވާ ތަންތަން ކަމަށެވެ.
އައްޑޫއަށް އަންނަ ހުރިހާ ތަރައްގީގެ ފައިދާ މުޅި އެ ސަރަހައްދުގެ އިތުރުން އީކުއޭޓާ ވިލެޖަށް ވެސް ކުރާނެކަން ފާހަގަކޮށް ކައިމޫއިން ބުނީ ރިސޯޓުގެ ހިންގުމަށާ އަދި އައްޑޫގެ ތަރައްގީއަށް ހުރަސް ނޭޅޭ ގޮތަށް މި މައްސަލަ އަށް ހައްލެއް ހޯދުމަށް ތަކުރާރުކޮށް ޓޫރިޒަމް މިނިސްޓްރީއާއެކު މަޝްވަރާތައް ކުރެފިވައިވާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ޓޫރިޒަމް މިނިސްޓްރީއާ އެކު ގާތުން މަސައްކަތްކޮށް، މައްސަލައަށް އެކަށޭނަ ހައްލެއް ހޯދަން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ކައިމޫއިން ވަނީ ދީފައެވެ.