އެޕަލް ވޮޗަށް އުރީދޫން ފުރަތަމަ ފަހަރަށް އީސިމްގެ ހިދުމަތް ތައާރަފްކޮށް އެ ކުންފުންޏަށް 20 އަހަރު ފުރުމާ ގުޅުވައި ކެމްޕެއިނެއް ލޯންޗްކޮށްފިއެވެ.

އުރީދު އަށް 20 އަހަރު ފުރުމާ ގުޅުވައި 'ލިވް އަންލިމިޓެޑް' ކެމްޕެއިން ލޯންޗުކުރުމަށް އެ ކުންފުނީގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އުރީދޫން ވަނީ:

  • އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ތައާރަފްކޮށްފައި
  • އުރީދޫގެ ސުޕަނެޓާއެކު ބޭނުންކުރެވޭ ސްމާޓް ހޯމް ސެކިއުރިޓީ ބަންޑަލެއް ތައާރަފްކޮށްފައި

މިގޮތުން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ފުރަތަމަ ހަ މަހު ލިބޭނެ ކަމަށާއި އޭގެ ފަހުން ކޮންމެ މަހަކު އެ ހިދުމަތަށް 199ރ ދައްކަން ޖެހޭނެ ކަމަށް އުރީދޫން ބުންޏެވެ.

އަދި ސުޕަނެޓާއެކު ބޭނުންކުރެވޭ ސްމާޓް ހޯމް ސެކިއުރިޓީ ސިސްޓަމް މެދުވެރިކޮށް ކޮންމެ ތަނެއްގައި ވެސް ހުރެ ގޭގައި ހިނގާ ކަންކަން ބަލާލެވޭނެ ކަމަށް އުރީދޫން މައުލޫމާތު ދެއެވެ. މި ސިސްޓަމްގެ އެންމެ ހާއްސަ ތަންކޮޅަކީ ކްލައުޑް ސްޓޯރޭޖްގައި ވީޑިއޯ ފުޓޭޖްތައް ބޭނުން ވަރަކަށް ރައްކާކުރެވިގެން ދިއުމެވެ.

މި ދެ ހިދުމަތް ތައާރަފްކުރުމުގެ އިތުރުން އުރީދޫން އިއުލާނުކުރި ބައެއް އޮފާތަކަކީ:

  • 250ރ ހޭދަކޮށްގެން އުރީދޫގެ ހިދުމަތެއް ހޯދައިފިނަމަ ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް، އަދި އެންމެ ބޮޑު އިނާމުގެ ގޮތުގައި ދެ މީހަކަށް ހައްޖު ދަތުރެއް ލިބުން
  • އަންނަ ޖޫން މަހުގެ 27 ގައި އުރީދޫ ފަން ރަން އައްޑޫގައި ބޭއްވުން
  • އޮގަސްޓް މަހު އުރީދޫގެ މަސްރޭސް ބޭއްވުން

މިކަމަށްޓަކައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ ކަނޑު އަޑީގައި ހާއްސަ ހަރަކާތެއް ބޭއްވުމަށް އުރީދޫން ތައްޔާރުވަމުންދާ ކަމަށާއި އެކަން ފަހުގެ ތާރީހެއްގައި އެ ކުންފުނިން ހާމަކުރާނެ ކަމަށެވެ.

މަސްރޭހާ ގުޅޭ ތަފްސީލު ދެއްވަމުން ނިޔާޒް ވިދާޅުވީ އުރީދޫގެ މި އަހަރުގެ މަސްރޭސް ބާއްވާނީ ކައުންސިލްތަކާ ގުޅިގެން ކަމަށާއި، އެގޮތުން މަސްރޭހުގައި ބައިވެރިވާން ބޭނުންވާ ރަށްރަށުގެ ކައުންސިލްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.