އައްޑޫ ސިޓީގެ ކުޑަ ފަޅު ރަށެއްކަމުގައިވާ ސަވާހިލީގައި ފަތުރުވެރިކަން ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ބީލަމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ބީލަމަށް ހުޅުވާލާފައިވާ ކަމަށެވެ.

ސަވާހިލި ތަރައްގީ ކުރުމުގެ ބީލަމުގައި ބައިވެރިވާން ޝައުގުވެރިވާ ދިވެހި ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ވިއްކަން ހަމަޖެހިފައި ވަނީ 15،000ރ. އަށް ކަމަށާއި އަދި ބޭރުގެ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ވިއްކާނީ 1،000 ޑޮލަރަށްކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

އައްޑޫގެ މިހާރު ހިންގަމުން އަންނަ ޓޫރިސްޓް ފެސިލިޓީތަކަށް ހާއްސަ މެނޭޖްމަންޓް ފެސިލީޓީއެއް ގޮތަށް ތަރައްގީކުރާ ސަވާހިލީގައި މަދުވެގެން 10 ކޮޓަރި ހުންނަ ޖެހެއެވެ. މީގެ އިތުރުން ރެސްޓޯރަންޓަކާއި ބާއަކާއި އިންޑޯ/އައުޓްޑޯ ސްޕޯޓްސް ފެސިލިޓީ އާއި ވޯޓާ ސްޕޯޓްސް ސެންޓަރަކާއި ސްޕާ/ވެލްނެސް ސެންޓަރަކާއި ޕޫލާއި އަދި އެ ނޫން ވެސް ޓޫރިސްޓް އިތުރު ފެސިލިޓީތައް ހުންނަންޖެހެއެވެ.

ސަވާހިލި 50 އަހަރަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާއިރު ސަވާހިލިއަކީ އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ތެރޭގައި ހިމެނޭ ފޭދު އާއި މަރަދޫފޭދޫގެ ހުޅަނގު ދެކުނު ފަރާތުގައި އޮންނަ ކުޑަކުޑަ ރަށެކެވެ.