އައްޑޫ ސިޓީ ލިންކް ރޯޑް، މަގުތަކާއި ފެން ހިންދާ ނިޒާމު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބްއެވެ. އަދި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިޔާ ޖެނެރަލް (ރިޓަޔާޑް) ޢަލީ ޒުހައިރުއެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ހަވާލުކޮށްގެން 1440 ދުވަސްތެރޭ ނިންމުމަށް ހަވާލުކުރި މި މަޝްރޫއުގެ ޖުމްލަ އަގަކީ 829 މިލިއަން ރުފިޔާއެވެ. މި މަޝްރޫއުގައި ލިންކް ރޯޑު ރަނގަޅު ފެންވަރަކަށް ހެދުމާއެކު 67.58 ކިލޯމީޓަރު ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު ނުވަތަ ގާ އަޅުމަށް ހަމަޖެހިފައިވާއިރު ފޭދޫ ފެންހިންދާ ނިޒާމު ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ދުވާރު ހެދުމާއި ސައިން ބޯޑުތައް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ ކުރިން 'ދަ ޕްރެސް' ނޫހަށް މައުލޫމަތު ދެމުން ކޮންސްޓްރަކްޝަން މިނިސްޓްރީން ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ ލިންކް ރޯޑް މަރާމާތު ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާ ހަވާލުކުރުމަށް ނިންމާފައި ވާކަމަށެވެ. އަދި މިއީ މި އަހަރުގެ ބަޖެޓްގައި ހިމެނިފައި ނެތް ކަމެއްކަމުގައި ވިޔަސް މި އަހަރުގެ ތެރޭގައި އެ މަސައްކަތްތައް ކުރެވޭތޯ ސަރުކާރުން ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.