ނ. ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް އޭނާގެ ހަށިގަނޑުގެ ވާޗުއަލް އޮޓޮޕްސީއެއް ހަދައިފިއެވެ.

'ދަ ޕްރެސް' އަށް އެނގިފައިވާ ގޮތުގައި މި އޮޓޮޕްސީ ހަދާފައި ވަނީ ފުލުހުންގެ ޓީމެއް އިންޑިއާއަށް ގޮސް މިދިޔަ ހަފްތާ ތެރޭގައެވެ.

މި ކަމާ ގުޅިގެން ސީދާ ފުލުހުންގެ ބަހެއް ލިބިފައި ނުވި ނަމަވެސް، ފުލުހުން ބުނީ، މި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ވާޓޮޕްސީ" ނުވަތަ "ޑިޖިޓަލް އޮޓޮޕްސީ" ގެ ނަމުން ނަންދީފައިވާ ވާޗުއަލް އޮޓޮޕްސީއަކީ ހަށިގަނޑުގެ އެތެރޭގެ އޮނިގަނޑުތައް ވިސްނައި، މަރުވާން މެދުވެރިވާ ސަބަބު ދެނެގަތުމަށް ސީޓީ ސްކޭން އަދި އެމްއާރުއައި ފަދަ އިމޭޖިން ޓެކްނިކްސް ބޭނުންކޮށްގެން ޕޯސްޓްމޯޓަމް އެގްޒެމިނޭޝަނެއް ހެދުމަށް ބޭނުންކުރާ ނޮން އިންވޭސިވް މެތަޑެކެވެ.

މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު، ޒަހަމްތަކަކާއެކު ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުންދާ ގެއިންނެވެ. ޒަކިއްޔާ މަރުވީ ކަރަށް ލިބުނު ޒަހަމްތަކާ ގުޅިގެންނެވެ. ކަރުގައި ފުންކޮށް ޒަހަމްތަކެއް ހުރި އިރު ކަރުގެ ވާތް ފަރާތުގައި ފުންކޮށް ތިން ޒަހަމެއް އަދި ކަނާތް ފަރާތުގައި ފުންކޮށް ދެ ޒަހަމެއް ހުއްޓެވެ. ނަމަވެސް ފުލުހުން މީގެ ކުރިން ބުނެފައި ވަނީ ޒަކިއްޔާ މަރާލާފައިވާ ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށެވެ.

ޒަކިއްޔާގެ މަރުގެ މައްސަލައިގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރި ކަމަށް ބުނެ ހޮޅުދޫގެ ރައްޔިތުން ވަނީ މި މައްސަލަ ތަހުގީގު ކުރުމަށް ގޮވާލާ އިހްތިޖާޖު ކޮށްފައެވެ. އަދި މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ މައުލޫމާތު ސޯޝަލް މީޑިއާގައި ދައުރުކޮށް އެ ރަށު ރައްޔިތުން ވަނީ އެ ރަށު ޕޮލިސް ސްޓޭޝަން ވެސް ބަންދު ކޮށްފައެވެ.

ޒަކިއްޔާ މަރުވި ފަހުން އެ މަރަށް އިންސާފު ނުލިބޭ ކަމަށް ބުނެ ހޮޅުދޫ ރައްޔިތުން ދަނީ ކުރި އިހްތިޖާޖުތަކަށް ފަހު، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އެއްސެވުމަށް ހޯމް މިނިސްޓަރު އަލީ އިހުސާނާއި ކޮމިޝަނަރު އަލީ ޝުޖާއުގެ އިތުރުން ފުލުހުންގެ އިސްވެރިންގެ ޓީމެއް މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު ވަނީ ހޮޅުދުއަށް ވަޑައިގެންފައެވެ.

އެ މައްސަލައާއި ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއެހުމަށް ރައްޔިތުންނާއެކު ބޭއްވި ޖަލްސާގައި އިހުސާން ވިދާޅުވެފައި ވަނީ، ޒަކިއްޔާގެ މަރުގެ ހާދިސާގައި ފުލުހުން އަމަލުކުރި ގޮތުގައި އިހުމާލު އެބައޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެގޮތުން ފުލުހުން އެ ދުވަހު އަމަލު ކުރި ގޮތާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ.

މިއާއެކު ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އިހުމާލުވެފައިވޭތޯ ބެލުމަށް އެންއައިސީން މަސައްކަތް ފަށާފައިވާ އިރު، މި މައްސަލަ އަންނަނީ ހިއުމަން ރައިޓްސް ކޮމިޝަނުން ތަހުގީގު ކުރަމުންނެވެ. އެގޮތުން މި މައްސަލައާ ގުޅުންހުރި މައުލޫމާތާއި ގުޅުންހުރި ލިޔެކުޔުންތައް ދިވެހި ފުލުހުންގެ ހިދުމަތުން ހޯދައި ލިބިފައިވާ މައުލޫމާތުތައް ދަނީ ދިރާސާ ކުރަމުންނެވެ.