ނ. ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ހޮޅުދޫގެ ރައްޔިތުންގެ ބަޔަކު އިހުތިޖާޖުކުރަމުން އެބަދެއެވެ.
ހޮޅުދޫގެ ރައްޔިތުން އެންމެ ފުރަތަމަ އެއްވެފައި ވަނީ އެ ރަށުގެ ކައުންސިލް އިދާރާ ދޮށަށެވެ. އަދި އެއަށްފަހު އިހުތިޖާޖުގެ ބައިވެރިން ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ މިހާރު ވެސް ދަނީ އިހުތިޖާޖު ކުރަމުންނެވެ.
ޒަކިއްޔާ މަރުވި ފަހުން 6 މަސް ދުވަސްވެފައިވާކަން ފާހަގަކޮށް އިހްތިޖާޖުގެ ބައިވެރިން ބުނަމުންދަނީ މިހާ ދުވަސްވާއިރު ތަހުގީގުނިމި ގާތިލުން ހައްޔަރުކުރެވެން ޖެހޭނެ ކަމަށެވެ. ފުލުހުން ނުކުމެ ރައްޔިތުންނަށް ޖަވާބުދާރީވުމަށް އިހުތިޖާޖުގެ ބައިވެރިން ދަނީ ގޮވާލަމުންނެވެ.
ޒަކިއްޔާގެ ފިރިމީހާ، އޭނާގެ ފިރިހެން ދަރިފުޅު އަދި ފިރިހެން ދަރިފުޅުގެ އަންހެނުންގެ ބައިވެރިވުން ޒަކިއްޔާގެ މަރުގައި ޝާމިލުވާ ކަމަށް އިހުތިޖާޖުގެ ބައިވެރިން ދަނީ ތުހުމަތުކުރަމުންނެވެ.
އުމުރުން 50 އަހަރުގެ ޒަކިއްޔާ އޭނާ ދިރިއުޅޭ ގޭގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ހެނދުނުއެވެ. ޒަކިއްޔާ މަރުވެފައި އޮތްތަނުން ފެނުނު ވަޅީގައި އަދި ޒަކިއްޔާގެ ހެދުމުގައި ލޭ ނެތް ކަމަށް ރަށު ތެރޭގައި ބުނަމުންދިޔަ ނަމަވެސް، ވަޅި އާއި ހެދުމުގައި ވެސް ލޭ ހުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޒަކިއްޔާ މޫސާ މަރާލި ކަމުގެ އެއްވެސް ހެއްކެތް ފެންނަން ނެތްކަމަށާއި އޭނާ މަރުވީ ކަރަށް ލިބުނު ޒަހަމްތަކުގެ ސަބަބުންކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފައިވާ އިރު، އެކަމާ ގުޅިގެން ޒަކިއްޔާގެ އާއިލާއިން އަދި ހޮޅުދޫގެ ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ މަރުގެ ތަހުގީގު ހިންގައި އިންސާފު ހޯދައި ދިނުމަށް ގޮވާލައި އެ ރަށުގައި އަންނަނީ ސިލްސިލާ ގޮތެއްގައި އިހުތިޖާޖުތައް ހިންގަމުންނެވެ.
ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާގޮތާމެދު ހުރި ކަންބޮޑުވުންތައް އޭނާގެ ގާތްތިމާގެ މީހުންގެ ފަރާތުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އަށް ވެސް ވަނީ ހިއްސާކޮށްފައެވެ.
އެޗްއާރްސީއެމްއިން ބުނެފައި ވަނީ މި މައްސަލައާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކުން އަމަލުކޮށްފައިވާގޮތް ބެލުމަށް މި މައްސަލައިގެ ތަހުގީގު މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ފަށާފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅުންހުރި މައުލޫމާތާއި ގުޅުންހުރި ލިޔެކުޔުންތައް ދިވެހި ފުލުހުންގެ ހިދުމަތުން ހޯދައި ލިބިފައިވާ މައުލޫމާތުތައް ކޮމިޝަނުން މިހާރު ދިރާސާކުރަމުންދާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.