ފޮރިން މިނިސްޓަރު ޑރ. ހަލީލް މޯލްޓާގެ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓަރީ އޮފް ފޮރިން އެފެއާޒް އެންޑް ޓޫރިޒަމް، ޑރ. އިއަން ބޯގްއާ ބައްދަލުކުރައްވައިފިއެވެ.

މޯލްޓާގެ ބޮޑުވަޒީރުގެ ނައިބުގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި މޯލްޓާ އަކީ ވަރަށް އެއްގޮތް ކަންތައްތަކެއް ހުރި ދެގައުމު ކަމަށާއި މި ދަތުރުފުޅަކީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ދެ މިނިސްޓަރުން ފާހަގަ ކުރެއްވިއެވެ.

ކުދި ޖަޒީރާ ގައުމުތަކުގެ ހައިސިއްޔަތުން، ރާއްޖެއާ މޯލްޓާއާ ހާއްސަކޮށް އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމުގައި، ތިމާވެށީގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށާއި ވިޔަފާރީގެ އާ ފުރުސަތުތައް އިތުރުކުރުމަށް ވަނީ އެއްބަސްވެވަޑައިގެންފައެވެ. އަދި ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަސައްކަތްކުރެއްވުމަށް މިނިސްޓަރު ވަނީ އެއްބަސްވެވަޑައިގެންފައެވެ.

މީގެ އިތުރުން، ފަތުރުވެރިކަމާއި، މަތީ ތައުލީމު ދާއިރާއާއި ގުޅުން ވަރުގަދަކޮށް، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް ދެމިނިސްޓަރުން އަލިއަޅުއްވާލެއްވިއެވެ.