މަސް ދުވަހުގެ ބޮޑު ޗުއްޓީއަކަށް ފަހު ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފި އެވެ.
ސްކޫލްތަކުގެ ކުދިންނާއި ޓީޗަރުން މިދިޔަ ދިރާސީ އަހަރު ނިންމުމަށް ފަހު، ބޮޑު ޗުއްޓީ އަށް ދިޔައީ މި އަހަރުގެ ފެބްރުއަރީ 27 ގައެވެ. އެއާއެކު އައި ރަމްޟާން މަސް ވެގެން ދިޔައީ މިއަހަރު ދަރިވަރުންނަށް ލިބުނު ބޮޑު ޗުއްޓީއަށެވެ.
ގާތްގަނޑަކަށް 40 ދުވަހުގެ ޗުއްޓީއަކަށް ފަހު 216 ސްކޫލެއްގައި މިއަދު ވަނީ ކިޔަވައިދޭން ފަށައިފައިވާ އިރު ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12 އާ ދެމެދުގައި 90،000 ދަރިވަރުން ކިޔަވާނެ ކަމަށް އެޑީއުކޭޝަން މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން ބުނީ، މި އަހަރު މާލޭ ސަރަހައްދުގެ ގްރޭޑް 1 އަށް 2000 އަށްވުރެ ގިނަ ދަރިވަރުން އަލަށް ވައްދާފައިވާ ކަމަށެވެ. އަދި މިއަހަރު މުޅި ރާއްޖެއިން 5000 އަށް ވުރެ ގިނަ ކުދިން ގްރޭޑް 1 އަށް ވަނީ ވައްދާފައި ކަމަށެވެ. މި ދިރާސީ އަހަރު އަތޮޅުތެރޭގެ ސްކޫލުތަކުން މާލޭ ސަރަހައްދުގެ ސްކޫލުތަކަށް 1200 އަށް ވުރެ ގިނަ ދަރިވަރުން ބަދަލުވެފައިވާއިރު، އަތޮޅުތެރޭގެ އެއް ސުކޫލްއިން އަނެއް ސްކޫލްއަށް 500 އަށް ވުރެ ގިނަ ދަރިވަރުން ބަދަލުވެފައި ވެއެވެ.
މިއަހަރު 11000 މުދައްރިސުން ހަރަކާތްތެރިވާ އިރު ސަރުކާރުގެ ސްކޫލްތަކުގައި 10000 މުދައްރިސުން މަސައްކަތް ކުރަމުންދާނެއެވެ.
ދިރާސީ އާ އަހަރު މިއަދު ފަށާފައިވާ އިރު، މި އަހަރުގެ ފުރަތަމަ ޓާމުގެ ޗުއްޓީ ފަށާނީ ޖުލައި 24 ގައެވެ. ދެ ހަފުތާގެ ޗުއްޓީ އަކަށް ފަހު ދެ ވަނަ ޓާމުގެ ކިޔެވުން ފަށާނީ އޮގަސްޓު 10 ގައެވެ. މިއަދު ފެށި ދިރާސީ އަހަރު ނިމޭނީ މި އަހަރުގެ ޑިސެމްބަރު 28 ގައެވެ.
އެގޮތުން މިއަހަރު ދަރިވަރުންނަށް ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން އަންނަ އަހަރުގެ ޖެނުއަރީ 27އަށެވެ.