ނިމިދިޔަ ރޯދަ މަހު އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ އެކްސިޑެންޓްގެ މައްސަލަ އާއި ވައްކަމުގެ މައްސަލަ ކަމަށް ފުލުހުން ބުނެފިއެވެ.

މިދިޔަ މަހުގެ ތެރޭގައި ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފާސްހިސާބަށް ބަލާއިރު އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ އެކްސިޑެންޓްގެ މައްސަލައެވެ. އެގޮތުން މާޗް މަހުގެ ތެރޭގައި ޖުމްލަ 255 އެކްސިޑެންޓްގެ މައްސަލަ ރިޕޯޓްކޮށްފައިވާ އިރު، ވައްކަމުގެ މައްސަލައިގެ ގޮތުގައި ވަނީ 227 މައްސަލައެއް ރިޕޯޓްކޮށްފައެވެ.

މާޗް މަހު ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި މަސްތުވާތަކެތީގެ 137 މައްސަލައަކާއި ގެއްލިފައިވާ އެއްޗެހީގެ 59 މައްސަލައެއް ވެސް ވަނީ ހުށަހަޅާފައެވެ. ހަމައެއާއެކު މާރާމާރީގެ 44 މައްސަލައަކާއި މުދަލަށް ގެއްލުން ދިނުމުގެ 44 މައްސަލައަކާއި ހިޔާނާތުގެ 22 މައްސަލައަކާއި ގެވެށި އަނިޔާގެ 21 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ޖިންސީ ކުށުގެ 17 މައްސަލައަކާއި ފޭރުމުގެ 19 މައްސަލައެއް ވެސް ވަނީ ހުށަހަޅާފައެވެ.

މުޅި މި އަހަރުގެ ތަފާސްހިސާބަށް ބަލާއިރު، ވެސް އެންމެ ގިނައީ ޓްރެފިކް އެކްސިޑެންޓްގެ މައްސަލަ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން މިއަހަރު ތެރޭ މިހާތަނަށް 784 މައްސަލަ އެއް ރިޕޯޓްކޮށްފައި ވެއެވެ. އެއަށްފަހު މިއަހަރު ވައްކަމުގެ 695 މައްސަލައަކާއޮ 393 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ.

މިދިޔަ އަހަރުގެ ތަފާސްހިސާބަށް ބަލާއިރު، ވައްކަމުގެ 3759 މައްސަލައަކާއި އެކްސިޑެންތްގެ 2866 މައްސަަލއަކާއި މަސްތުވާތަކެތީގެ 1674 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.