ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކޮށް ރައްކައުތެރިކުރުމަށާއި ގައުމުގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި ކުރިޔަށް ގެންދިޔުމަށް ރާވައިފައިވާ މަޝްރޫއުތަކަށް އެންމެ މަދުވެގެން ހަރަދުކުރަންޖެހޭނޭ މިންވަރު ސަތޭކަ މިލިއަން ޑޮލަރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޮޑުކުރައްވައިފިއެވެ.

އެފަފަ މަޝްރޫއުތަކަށް އެންމެ މަދުވެގެން ހަރަދުކުރަންޖެހޭނޭ މިންވަރު ކަމަށް މީގެކުރިން ކަނޑައަޅައިފައި ވަނީ ފަނަރަ މިލިއަން ޑޮލަރެވެ.

ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހިންގާނޭ މުހިންމު މަޝްރޫއުތައް ކަނޑައެޅުމަށް އެކަށައަޅުއްވައިފައިވާ ނަންބަރު 6/2025 ގަރާރު ރައީސް މުއިއްޒު ވަނީ އަލުން އެކަށައަޅުއްވާފައެވެ. އެގޮތުން މި ބަދަލާއެކު އެ ގަރާރުގެ ޖަދުވަލު 13 ގައި ބަޔާންކުރާ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކޮށް ރައްކައުތެރިކުރުމަށާއި ގައުމުގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި ކުރިޔަށް ގެންދިޔުމަށް ރާވައިފައިވާ މަޝްރޫއުތަކަށް އެންމެ މަދުވެގެން ސަތޭކަ މިލިއަން ޑޮލަރު ހޭދަކުރަންޖެހޭނެއެވެ.

މި ގަރާރުގެ ޖަދުވަލުގައި މަތީގައި ބަޔާންވެދިޔަ ސިޔާސަތުގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާފައިވާ މަޝްރޫއުތަކާއި އެ މަޝްރޫއުތައް ހިންގުމަށް ނިންމާފައިވާ ސަރަހައްދު އަދި މަޝްރޫއުތަކަށް އެންމެ މަދުވެގެން ހަރަދުކުރަންޖެހޭނެ މިންވަރު ބަޔާންކޮށްފައިވެއެވެ.