މިދިޔަ ހޯމަ ދުވަހު އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެ މީހުންގެ ތެރެއިން އަންހެން މީހާ ނިޔާވެއްޖެއެވެ.

ރަސްދޫގެ ގެއެއްގެ ކޮޓަރިއެއްގައި ހިނގި އެ ހާދިސާގައި ފިހިފައި ވަނީ ދެމަފިރިއެކެވެ. އަންހެން މީހާގެ ހަށިގަނޑުގެ 80 އަށް ވުރެ ބޮޑު ޕަސެންޓެއް ފިހިފައިވާއިރު، ފިރިހެން މީހާގެ ހަށިގަނޑުން 80 އަށް ވުރެ ބޮޑު ޕަސެންޓެއް ފިހިފައިވެއެވެ.

އެ ހާދިސާ އާ ގުޅިގެން ދެ މީހުންނަށް ފަރުވާ ދިނުމަށް މާލެ ގެނެސް އައިޖީއެމްއެޗްގެ އައިސީޔޫގައި ގެންދިޔައީ ފަރުވާދެމުންނެވެ. ދެ މީހުންނަށް ވެސް ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގައެވެ.

އައިޖީއެމްއެޗުން ބުނީ، އަންހެން މީހާ ނިޔާވީ މިރޭގެ ވަގުތެއްގައި ކަމަށެވެ. އަދި ފިރިހެން މީހާ އަށް އަދި ވެސް އައިސީޔޫގައި ފަރުވާ ދެމުން ދާ ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.

މި ދެމަފިރިންގެ ފަސް އަހަރުގެ ކުއްޖަކު ވެސް ހުރެއެވެ.