އީދު ދުވަހުގެ ސުފުރާމަތިން އެންމެ އާންމުކޮށް ފެންނަ އެއް ބާވަތަކީ ކުކުޅެވެ. އެކި ގޭގޭގައި ކުކުޅު ތައްޔާރުކޮށްފައި ހުންނަނީ ތަފާތު ގޮތްގޮތަށެވެ. ކޮންމެ ގޮތަކަށް ތައްޔާރު ކުރި ނަމަވެސް ކުކުޅަކީ އީދު ދުވަހުގެ ސުފުރާމަތި ފަޅުފިލުވާލަން އެންމެ މުހިންމު އެއް ބާވަތް ކަމަށް ގިނަ ބަޔަކު ދެކެއެވެ.
މިއަދުގެ "ޕްރެސް ބަދިގެ" ސެގްމެންޓްގައި ވެސް މި ގެނެސްދެނީ ތަފާތު ގޮތަކަށް ކުކުޅު ތައްޔާރުކޮށްލެވިދާނެ ގޮތެކެވެ. މާމުތް ރޯސްޓެޑް ކުކުޅު ތައްޔާރު ކުރާނެ ގޮތް ތިރީގައި އެވަނީއެވެ.
ބޭނުންވާ ތަކެތި:
- 1 ކުކުޅު
- 6 މޭޒުމަތީ ސަމުސާ ބަޓަރު
- 1 މޭޒުމަތީ ސަމުސާ "ލެމަން ޕެޕާ ފައުޑާ"
- 2 މޭޒުމަތީ ސަމުސާ ލުނބޯ ހުތް
- 2 މޭޒުމަތީ ސަމުސާ މާމުތް
- 1/2 މޭޒުމަތީ ސަމުސާ ތާޒާ ޕާސްލީ ފަތް (ކުދިކޮށް ކޮށާފައި)
- 1/2 މޭޒުމަތީ ސަމުސާ ލޮނުމެދު (ގާނާފައި)
- 1/2 މޭޒުމަތީ ސަމުސާ އަސޭމިރުސް (މުގުރާފައި)
ތައްޔާރުކުރާނެ ގޮތް:
ކުކުޅުގެ ހަންގަނޑާއި މަސްގަނޑާ ދެމެދަށް ބަޓަރުކޮޅު ލައްވާލުމަށްފަހު، "ލެމަން ޕެޕާ ފައުޑާ"، ލުނބޯ ހުތް، މާމުތް، ޕާސްލީ ފަތް، ލޮނުމެދު އަދި އަސޭމިރުސް އެއްކޮށްލާށެވެ. އެއަށްފަހު ކުކުޅު މަސްގަނޑުގެ މައްޗަށް އަޅާލާށެވެ. ދެން 200 ޑިގްރީ ސެލްޝިއަސްގައި 15 މިނެޓާއި 20 މިނެޓާ ދެމެދުގެ ވަގުތަކަށް މައިކްރޯ އަވަނުގައި ކުކުޅު ފިހެލާށެވެ.