ރާއްޖެ އަށް މާދަމާއަކީ މި ހިނގާ 1446 ވަނަ އަހަރުގެ ފިތުރު އީދު ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ބުނީ މި އަހަރުގެ ޝައްވާލް މަހުގެ ހަނދު މިއަދު އިރުއޮއްސުނު ފަހުން ރާއްޖޭގެ އެއްވެސް ރަށަކަށް ފެނިފައި ނުވި ނަމަވެސް، އިސްލާމީ ބައެއް ގައުމުތަކަށް ހަނދު ފެނިފައިވާ ކަމަށެވެ.

އެހެންކަމުން ރަމަޟާން މަހާއި ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށް ރާއްޖޭގައި އަމަލުކުރާ އުސޫލުގައިވާ ގޮތުގެ މަތިން މާދަމާއަކީ ރާއްޖެއަށް ފިތުރު އީދު ދުވަސް ކަމުގައި މިނިސްޓްރީން ބުންޏެވެ.

ސައުދީއަށް ޝައްވާލު މަހުގެ ހަނދު ފެނިފައިވީ ނަމަވެސް އިސްމާލީ ބޮޑެތި އެހެން ގައުމުތަކަށް މިއަދު ހަނދު ފެނިފައި ނުވާތީ މިއަހަރުގެ ފިތުރު އީދަކީ މާޗު 31 ވާ ހޯމަ ދުވަސް ކަމަށް ވަނީ ކަނޑައަޅާފައެވެ.

މިގޮތުން، އިންޑޮނޭޝިއާ، މެލޭޝިޔާ، އަދި ބްރޫނާއީ ފަދަ ގައުމުތަކާއި ދެކުނު އޭޝިޔާ ސަރަހައްދުގައި ހިމެނޭ ރާއްޖޭގެ އަވަށްޓެރި އިންޑިއާ އާއި ބަންގްލަދޭޝް އިން ވެސް ނިންމާފައިވަނީ ފިތުރު ހޯމަ ދުވަސް ކަމަށެވެ.

އެގައުމުތަކުން މި ގޮތަށް ނިންމާފައިވަނީ ފަލަކީ އިލްމުވެރިންގެ މަސައްކަތްތަކާ ޝައްވާލު މަހުގެ ހަނދު ހޯދުމަށް އެގައުމުތަކުގެ އޮފިޝަލުންކޮށްފައިވާ މަސައްކަތްތަކަށް ބިނާކޮށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.