މިއަހަރުގެ ފިތުރު އީދަކީ މާޗް މަހުގެ 31 ވަނަ ދުވަސް ކަމަށް އިސްލާމީ ބައެއް ގައުމުތަކުން ނިންމައިފިއެވެ. އެގައުމުތަކުން ރަސްމީކޮށް މި ގޮތަށް ނިންމާފައިވަނީ ޝައްވާލު މަހުގެ ހަނދު ހޮނިހިރު ދުވަހު އެގައުމުތަކަށް ފެނިފައި ނުވާތީއެވެ.
މިގޮތުން، އިންޑޮނޭޝިއާ، މެލޭޝިޔާ، އަދި ބްރޫނާއީ ފަދަ ގައުމުތަކުން ފިތުރު އީދަކީި ހޯމަ ކަމަށް ނިންމާފައިވާ އިރު ދެކުނު އޭޝިޔާ ސަރަހައްދުގައި ހިމެނޭ ރާއްޖޭގެ އަވައްޓަރި ދެ ގައުމެއް ކަމަށްވާ އިންޑިއާ އަދި ބަންގްލަދޭޝްއިން ވެސް ނިންމާފައިވަނީ ފިތުރު އީދަކީ މާޗް މަހުގެ 31 ކަމަށެވެ.
އެގައުމުތަކުން މި ގޮތަށް ނިންމާފައިވަނީ ފަލަކީ އިލްމުވެރިންގެ މަސައްކަތްތަކާ ޝައްވާލު މަހުގެ ހަނދު ހޯދުމަށް އެގައުމުތަކުގެ އޮފިޝަލުންކޮށްފައިވާ މަސައްކަތްތަކަށް ބިނާކޮށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އިސްލާމީ އެހެން ގައުމުތަކުން ވެސް ޝައްވާލު މަހުގެ ހަނދު ހޯދުމުގެ މަސައްކަތްތައް ކުރަމުންދާ އިރު ރާއްޖޭގައި ހަނދު ސާބިތުކުރުމުގެ ޖަލްސާ އޮތީ މިރޭއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވަނީ ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމާ ގުޅޭގޮތުން އޮޅުންއަރާފަދަ ވާހަކަ ނުދެއްކުމަށް އިލްތިމާސްކުރައްވާފައެވެ.
ޝަހީމް މިފަދައިން އިލްތިމާސްކޮށްފައި ވަނީ މި އަހަރުގެ ފިތުރު އީދު ދުވަހާމެދު ކުރީގެ ރައީސް އަދި ފަލަކީ އިލްމުވެރިޔާ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ގައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. ހަސަން ހަމީދުގެ ހިޔާލުތަފާތުވެ އާންމުންގެ ގިނަ ބަޔަކު އެކަމާ ބަހުސްކުރަމުންދާ ދަނޑިވަޅެއްގައެވެ.
ތަރިރުހަނދާއި ގުޅިގެން ފަލަކީ އިލްމުގެ ދާއިރާގައި އިލްމީ ބަހުސްކުރުމަކީ މައްސަލައެއް ނޫންކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ އެކަން ކުރަންވާނީ އާންމު މަސްލަހަތަށް އަސަރުނުކުރާގޮތައް ކަމަށެވެ.
ހާއްސަކޮށް ރަމަޟާންމަހާއި ޝައްވާލުމަހުގެ ހަނދުގެ ކަންކަމަކީ އޭގެ މައްޗަށް ޝަރުއީ އަހްކާމްތަކެއް ތަރުތީބުވާ ކަންތައްތަކެއް ކަމަށްވުމާއެކު މި ކަމުގައި ރައްޔިތުންނަށް އޮޅުން އަރައި ޝައްކު އުފެދޭގޮތައް ކަމާ ނުގުޅޭ ފަރާތްތަކުން ވާހަކަ ދެއްކުމަކީ މަސްލަހަތު ގެއްލިދާނެ ކަމެއް ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.