ފޮނި ކާ އެއްޗެއް ހަދަން ގިނަ ވަގުތު ހޭދަވާތީ ކަންބޮޑުވާނަމަ މިއަދުގެ "ޕްރެސް ބަދިގެ" ސެގްމެންޓްގައި މި ގެނެސްދެނީ ތި ކަމަށް ހައްލެކެވެ. މިއަދު ގެނެސްދޭ "އެކްލެއާ ކޭކް"އަކީ ކުޑަ ވަގުތުކޮޅަކުން ތައްޔާރުކޮއްލެވޭނެ މީރު ކޭކެވެ.
4 ބާވަތެއްގެ ތަކެތި ބޭނުންކޮށްގެން ތައްޔާރުކުރާ މި ކޭކަކީ ފިހަން ނުޖެހޭ ކޭކެވެ.
ބޭނުންވާ ތަކެތި:
- 1 ޕެކެޓު މާރީ ބިސްކޯދު
- 2 ޖޯޑު ކިރު
- 2 ޕެކެޓް ވެނީލާ ޕުޑިން
- 400 އެމްއެލް ވިޕް ކްރީމް
- ޗޮކުލެޓް
ތައްޔާރުކުރާނެ ގޮތް:
ވެނީލާ ޕުޑިން އަދި ވިޕް ކްރީމް ތަށްޓަކަށް އަޅާލުމަށްފަހު ރަނގަޅަށް ގިރާލާށެވެ. އަދި މާރީ ބިސްކޯދު ކިރުފޮދަށްލުމަށްފަހު ޓްރޭއެއްގައި އަތުރާލާށެވެ. އެއަށްފަހު ކުރިން ހެދި ކަސްޓަޑްކްރީމްކޮޅު ބިސްކޯދުތައް ފޮރުވޭ ވަރަށް އަޅާލާށެވެ. އަނެއްކާވެސް ބިސްކޯދު އެޅުމަށްފަހު ކަސްޓަޑްކްރީމްކޮޅު ހުސްވަންދެން މި ގޮތަށް ތަކުރާރުކުރަމުންގެންދާށެވެ.
ދެން އެއަށްފަހު ގާނާފައިވާ ޗޮކުލެޓް ޓްރޭގެ މައްޗަށް އަޅާލާށެވެ. އަދި 30 މިނެޓް ވަންދެން ފްރިޖްގައި ބަހައްޓާލާށެވެ. އޭރުން އެހުރީ އެކްލެއާ ކޭކު ތައްޔާރުވެފައެވެ.
ބޭނުންނަމަ ވެނީލާ ޕުޑިންގެ ބަދަލުގައި ކަސްޓަޑު ވެސް ބޭނުންކުރެވިދާނެއެވެ