ސްޓޫޑެންޓު ލޯނަކީ އިސްލާމީ ޝަރީއާ ހުއްދަކުރާ ލޯނަކަށް ބަދަލުކުރަން އަންގަވާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތައުލީމާއި ތަމްރީން ހޯދަން ދޫކުރާ އަދި ދޫ ކޮށްފައިވާ ލޯނު ތަކަކީ އިސްލާމީ ހަމަތަކަށް ފެތޭ، "ޝަރީއާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް ކަމާބެހޭ ފަރާތްތަކަށް މިއަދު ވާނީ ދަންނަވާފައި ކަމަށާއި، އޭގެ ތެރޭގައި ލޯނާ އެކު، އިދާރީ ފީގެ ގޮތުގައި މިހާރު ނަގާ އެއް ޕަސެންޓު އެއްކޮށް ކަނޑާލަން ނިންމާފައިވާ ކަމަށެވެ.
ރައީސް ވަނީ ދޫކުރާ ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް ވަރެއް އިތުރަށް ޗާޖު ނުކުރަން ނިންމާފައިވާކަމަށްވެސް ވިދާޅުވެފައެވެ. އަދި ކުރިން ލޯނު ނަގާފައިވާ ފަރާތްތަކުން ދައްކަން ހުންނަ ފައިސާވެސް، އެޑްމިނިސްޓްރޭޓިވް ފީ އުނިކޮށް ލޯނު އަދަދުތައް އަލުން އެޖަސްޓްކުރުމަށް ނިންމާފައިވާކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން ސްޓޫޑަންޓު ލޯނުގެ އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި ފަސް ޕަސެންޓު ނަގަމުން ގޮސްފައިވާއިރު މިދިޔަ ސަރުކާރުން އެ އަދަދު ތިން ޕަސެންޓަށް ވަނީ ކުޑަކޮށްފައެވެ.
ގިނަ ބަޔަކު މި ލޯނަށް ހުޅުވާނުލައިގެން ސޯޝަލް މީޑިއާގައާއި އެހެން މަންސަ ތަކުގައި ދަނީ ޝަކުވާ ކުރަމުންނެވެ.