މިހާތަނަށް ބޭންކުތަކަށް 150 މިލިއަން ޑޮލަރު މާރުކޮށްފައި ވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ޖެނުއަރީން ފެށިގެން މިހާތަނަށް 150 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައި ވާކަމަށާއި މިއީ ކުރީގައި ބޭންކުތަކަށް ޑޮލަރު މާރުކުރާ މިންވަރަށް ވުރެ 40 އިންސައްތަ އިތުރު އަދަދެއް ކަމުގައި ރައީސް ވިދާޅުވީ މިއަދު ފެށި "ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދާ މި ޕޮޑްކާސްޓުގައި އެމަނިކުފާނު ވިދާޅުވީ ޑޮލަރު މާރުކުރުމަށް އޮތް ގާނޫނާ އެއްގޮތަށް ގިނަ ފަރާތްތައް މަސައްކަތް ކުރަމުން ދާކަން އުފަލާއެކު ފާހަގަކުރައްވާ ކަމަށެވެ. މިގޮތުން މިހާރު އޮތް ޑޮލަރު މާރުކުރުމާ ގުޅޭ ގާނޫނުގެ ދަށުން، ބޭންކުތަކަށް ޑޮލަރު މާރުކުރަންޖެހޭ ފަރާތްތަކުގެ ތެރެއިން ގާތްގަނޑަކަށް 95 އިންސައްތަ ފަރާތުން ޑޮލަރު މާރުކުރަމުންދާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ބާކީ ފަސް އިންސައްތަވެސް މީގެތެރެއަށް ވެއްދުމަށް މަސައްކަތް ކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ބޭންކަށް ޑޮލަރު މާރުކުރުމުގައި ވިޔަފާރިތަކުން ބޮޑު އެއްބާރުމެއް ދޭކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، މިކަމުގެ ނަތީޖާއަކަށް ވަނީ ފަތުރުވެރިކަމުގެ ދާއިރާ ފުޅާވަމުންދާ ވަރަކަށް އެދާއިރާއިން ލިބޭ އާމްދަނީ ކުރިއަށްވުރެ އިތުރުވެ، އޭގެ މަންފާ ރައްޔިތުންނަށް ކުރުން ކަމުގައެވެ. މީގެ ނަތީޖައެއްގެ ގޮތުން ރާއްޖޭން ބޭރަށް ފުރާ ދިވެހީންނަށް މިހާރު ބޭންކު ރޭޓުގައި ދޫކުރާ 500 ޑޮލަރުގެ ބަދަލުގައި އެ އަދަދު 1000 ޑޮލަރަށް ވުރެ އިތުރުކުރުމާއި، ކްރެޑިޓް ކާޑުގެ ލިމިޓް ދެގުނައަށް ބޮޑުކޮށްދެއްވުމާއި، ޓީ.ޓީ ހެދުމަށް އިތުރަށް ފުރުސަތު ފުޅާވެގެންދާނެ ކަމުގައި އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބޭންކަށް ޑޮލަރު މާރުކުރާގޮތަށް ހަދަން ނިންމެވި ނިންމެވުމަކީ ވަރަށް ރަނގަޅަށް ކުރެއްވުނު ކަމެއް ކަމުގައެވެ. އަދި މިކަމުގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވައި މިކަމަކީ އެންމެހާ ރައްޔިތުންނަށް ފައިދާވާނެ، ކުރިއެރުން ލިބޭނެ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު ކުރިއަށްއޮތް ތާނގައި ޑޮލަރުގެ އަގު ތިރިވަމުންދާނެ ކަމަށާއި ޑޮލަރުގެ ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތައް ޑޮލަރުގަތުން މަދުކުރެވޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.