ރާއްޖެ އާއި މިސްރާ ދެމެދު ސިޔާސީ ދާއިރާ އިން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއި ކޮށްފައި މި ވަނީ ފޮރިން މިނިސްޓަރޔ ޑރ. އަބްދުﷲ ހަލީލް މިހާރު މިސްރަށް ކުރައްވާ ރަސްމީ ދަތުރުގެ ތެރެއިންނެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ހަލީލެވެ. އަދި މިސްރުގެ ފަރާތުން ސޮއި ކުރެއްވީ މިސްރުގެ ފޮރިން މިނިސްޓަރު ޑރ. ބަދްރު އަބްދެލަތީއެވެ.
ފޮރިން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ސަބަބުން 2019 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި މި ދާއިރާއިން އެއްބާރުލުން ދިނުމާއި ގުޅޭގޮތުން ކުރި މަސައްކަތް ރަސްމީވެފައި ވާ ކަމަށެވެ.
މިނިސްޓަރު ހަލީލް މިސްރަށް ކުރައްވަމުންގެންދަވާ ދަތުރުގައި ވަނީ މިސްރުގެ ފޮރިން މިނިސްޓަރު ޑރ. ބަދްރު އަބްދެލަތީ އާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދުވަސްވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ވަނީ މަޝްވަރާ ކުރައްވާފައެވެ. ހަމައެއާއެކު އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް ދެ ގައުމުގެ ތަރައްގީއަށް މަސައްކަތް ކުރުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.
ހަމައެއާއެކު ދިވެހިރާއްޖޭގެ އިންސާނީ ވަސީލަތް ބިނާ ކުރުމަށް މިސްރު ސަރުކާރުން ދެމުންގެންދާ އެހީތެރިކަން ފާހަގަކުރައްވައި، ވަކީން ހާއްސަކޮށް މިސްރުގެ އަލް-އަޒްހަރު ޔުނިވާސިޓީން ފޯރުކޮށްދޭ މަތީ ތައުލީމުގެ ފުރުސަތުތަކަށް މިނިސްޓަރު ހަލީލް ޝުކުރު އަދާ ކުރެއްވިއެވެ. އިސްލާމްދީނުގެ މަތިވެރި އަސާސްތަކާއި، އެއްގޮތް ސަގާފަތެއްގެ މައްޗަށް ބިނާވެފައިވާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށާއި އިގްތިސޯދީ ރޮނގުންނާއި، ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިންނާއި، ސިއްހީ ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުންނާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، އަދި ދަނޑުވެރި ކަމާގުޅޭ ގޮތުން ގުޅުން ބަދަހި ކުރެވޭނެ ދާއިރާތަކާއި ގުޅޭގޮތުން މިނިސްޓަރ ޑރ. ހަލީލު، މިސްރުގެ ފޮރިން މިނިސްޓަރާ މަޝްވަރާ ކުރެއްވިއެވެ. އަދި ދެ ގައުމުގެ ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުންދީ ދެ ގައުމުގެ މަސްލަހަތުތައް ކުރިއެރުވުމަށާއި ދިވެހިރާއްޖެއާއި މިސްރާ ދެމެދު ފަރުދުންގެ ފެންވަރުގައި ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
މި ބައްދަލުކުރެއްވުމުގައި ބައިނަލްއަގްވާމީ މަޝްރަހުގައި އަދި ވަކީން ހާއްސަކޮށް ގާޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މިސްރުން އަދާކުރި އިސް ދައުރު ފާހަގަކުރައްވައި، ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަގިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖޭން އަބަދުވެސް ތާއީދު ކުރާކަން މިނިސްޓަރު ހާމަކުރައްވައި، މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި އަދުލުވެރި، ސުލްހަވެރި ހައްލެއް ލިބޭނީ 1967 ގެ ކުރީގެ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިކަން ކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނު ދައުލަތެއް ގާއިމްކުރެވިގެން ކަމުގައި ދިވެހިރާއްޖެ އިން ދެކޭ ކަމަށް މި ބައްދަލުވުމުގައި ހަލީލު ވިދާޅުވިއެވެ.
މިސްރުގައި ބޭއްވި ގާޒާގެ ސުލްހައާ ގުޅޭ ސަމިޓު، އަދި އެއަށްފަހު ސޮއި ކުރެވުނު ސުލްހައިގެ އެއްބަސްވުމާއެކު މިސްރުން އަދާކުރި ދައުރަށް މިނިސްޓަރު ހަލީލް މަރުހަބާ ދެންނެވިއެވެ. މި އެއްބަސްވުމަކީ ދާއިމީ ހަމަޖެހުމެއް ގެނެސްދީ ފަލަސްތީނުގެ ރައްޔިތުން އެތައް އަހަރުތަކެއް ވަންދެން ކެނޑިނޭޅި ތަހައްމަލު ކުރަމުން ދިޔަ ވޭނަށް ކުޑަމިންވަރެއްގެ ލުޔެއް ލިބުނު ކަމެއްކަމަށާއި، އަދި ދެމެހެއްޓެނިވި ސުލްހައާއި ހަމަޖެހުން ގެނެސްދިނުމަށް އެޅިގެން ދިޔަ މުހިއްމު ފިޔަވަޅެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މީގެ އިތުރުން ވެސް ބައިނަލްއަގްވާމީ މަންސަތަކުގައި ދެމެހެއްޓެނިވި ތަރައްގީ އާއި ސަލާމަތާއި ރައްކާތެރި ކަމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދު އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ.