އިޒްރޭލުން ގާޒާ ތަޅާ ސުންނާފަތި ކުރާތާ 2 އަހަރު ފަހުން، ހަމަލާތައް ހުއްޓާލަން އެއްބަސްވުމާއެކު، ދެން ކަންކަން އިންތިޒާމު ކުރާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ސަމިޓް މާދަމާ ފެށޭނެއެވެ.
މިސްރުގެ ރިސޯޓު، ޝަރަމުއްޝައިހުގައި ބާއްވާ ސަމިޓުގައި 20 ގައުމެއްގެ އިއްވެރިން ބައިވެރިވެވަޑައިގަންނަވާކަން ހާމަ ކޮށްފައި ވާ އިރު، މި ސަމިޓުގެ ރިޔާސަތު ބަހަލައްޓަވާނީ އެމެރިކާގެ ރައީސް ޑޮލާންޑް ޓްރަމްޕާއި މިސްރުގެ ރައީސް އަލްސީސީއެވެ.
މި ސަމިޓުގައި ޓްރަމްޕް ބައިވެރިވެވަޑައިގަންނަވަނީ، ގާޒާ ހަނގުރާމަ ހުއްޓުވުމުގެ މޭސްތިރިއަކީ އޭނާ ކަމުގައި ވުމުންނެވެ.
އިޒްރޭލުން ގާޒާގެ ރައްޔިތުން މަރާ، ޝަހީދު ކުރަމުން ދިޔައީ އެމެރިކާގެ މަދަދާއެކު އެމެރިކާއިން ފޯރުކޮށްދޭ ހަތިޔާރުންނެވެ. ހަމަލާތައް ހުއްޓުވުމަށް އދ ގެ ސަލާމަތީ މަޖިލީހުގައި ވޯޓުނެގި 6 ފަހަރު، ވީޓޯ ކޮށް އެކަން ފާސްވިޔަ ނުދީ ބޭރުކޮށްލީވެސް އެމެރިކާއިންނެވެ.
މާދަމާގެ ސަމިޓަކީ، ހަމަލާތައް ހުއްޓާލުމާއެކު ގާޒާއާއި މުޅި މެދުއިރުމަތީގެ ސުލްހައާއި ހަމަޖެހުން ގާއިމު ކުރުމުގައި ގައުމުތަކުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދާނެ ގޮތްތަކެއްގެ މަޝްވަރާއަށް ބާއްވާ މުހިންމު ސަމިޓެކެވެ. މި ސަމިޓުގައި އަރަބި ގައުމުތަކާއި ޔޫރަޕުގެ ބޮޑެތި ގައުމުތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.
މީގެ އިތުރުން އދ ގެ ރައީސް އެންޓޯނިއޯ ގުޓަރެސް ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ސަމިޓުގައި ސުލްހައިގެ މުހިންމު އެއްބަސްވުމެއްގައި ސޮއިކުރަންވެސް ހަމަޖެހިފައި ވެއެވެ. ނަމަވެސް މި ސަމިޓުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބައިވެރިވާކަމެއް އަދި ޔަގީނެއް ނުވެއެވެ.
އިޒްރޭލުން ގާޒާގެ ހަމަލާތައް ހުއްޓާލި އިރު 67،000 އަށް ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އަދި ވީނުވީއެއް ނޭނގި ގެއްލިފައި ވާ 10،000 އަށް ވުރެ ގިނަ މީހުން ވެއްޖެ ކަމަށް ގާޒާގެ އިދާރާތަކާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައި ވެއެވެ.
އާބާދީގައި ހިމެނޭ 2 މިލިއަނެއްހާ މީހުން ބަނޑަށް ޖައްސާ، ކާބޯތަކެއްޗާއި ބޯފެނާއި ބޭހުން މަހުރޫމުކޮށް ލާއިންސާނީ އަނިޔާދީ ނަސްލު ނައްތާލުމުގެ ގަތުލުއާންމެއް ހިންގުމަށް ފަހު، ހަމަލާތައް ހުއްޓާލި ނަމަވެސް، އެގޮތުގައި ޔަހޫދީން ދެމިތިބޭނެ ކަމާމެދު އާންމު ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ.
ބައެއް ފަރާތްތަކުން ބުނާގޮތުގައި، ހަމަލާތައް ހުއްޓާލުމަށް އެމެރިކާގެ ރައީސް ހުށަހެޅުއްވި 20 ނުކުތާގެ ޕްލޭންގެ ދަށުން ފުރަތަމަ ފިޔަވަހީގައި އިޒްރޭލުން ސިފައިން ފަހަތަށް ޖެހެން ޖެހޭ އިމަށް ފަހަތަށް ޖެހިފައި ވީނަމަވެސް، އެމީހުންގެ ނުރައްކާ ކުޑައެއް ނުވެއެވެ. ހަމަލާތައް ހުއްޓާލުމާއެކު، ގާޒާގެ އުތުރަށް ދަތުރުކުރަމުންދާ އާންމު ރައްޔިތުންނަށް ބިރުދައްކަން ބަނޑިޖެހުން ފަދަ ކަންކަން މިހާރުވެސް ކުރަމުން ގެންދެއެވެ.
20 ނުކުތާގެ މި އެއްބަސްވުމުގެ ދަށުން، ފުރަތަމަ ފިޔަވަހީގައި، ހަމާސްގެ އަތްދަށުގައި ތިބި އިޒްރޭލުގެ ހުރިހާ ރަހީނުން މިނިވަން ކުރުމާއި އިޒްރޭލުން ހިފާ ހައްޔަރު ކޮށްފައި ތިބި ފަލަސްތީނުގެ 10،000 އެއްހާ ރައްޔިތުންގެ ތެރެއިން 250 މީހަކު މިނިވަން ކުރުން ހިމެނެއެވެ.