އިންޑިއާއިން ގެނައި ޖެނެރޭޓަރު ލިބުމުން އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުހެ މައްސަލަ ކުރިއަށް އޮތް 48 ގަޑިއިރު ތެރޭ ހައްލު ކުރުމަށް ފެނަކައިން އަމާޒު ހިފައިފިއެވެ.

އައްޑޫ ސިޓިގެ ކަރަންޓު މައްސަލަ ހައްލު ނުވެ ގިނަ ދުވަސްތަކެއްވެފައިވާއިރު، މި ރަމަޟާން މަހު އެކި ހިސާބުތަކުން އެއް ގަޑިއިރަށް ކަރަންޓު ކަނޑާ މައްސަލަވަނީ ބޮޑުވެ އާންމުންގެ އެތައް ޝަކުވާއެއް ވަނީ ފެންމަތިވެފައެވެ.

އަދި މި މައްސަލަ ހައްލު ނުވެ ދިގުދެމިގެން ދިއުމާއި ގުޅިގެން އައްޑޫ ސިޓީގައި އިހްތިޖާޖުވެސް ކޮށްފައިވާއިރު ފެނަކައިން ވަނީ މި މައްސަލަ ހައްލުކުރުމަށް މިމަހުގެ 11 ވަނަ ދުވަހު އެ ސިޓީއަށް 1 މެގަވޮޓުގެ އާ ޖަނަރޭޓަރު ސެޓެއް ގެންގޮސްފައެވެ. އަދި މި މަހުގެ 13 ވަނަ ދުވަހު އެ ޖެންސެޓް އިންސްޓޯލްކުރުމުގެ މަސައްކަތްކޮށްފައިވާއިރު، މިދިޔަ އަންގާރަ ދުވަހު ފެނަކައިން ވަނީ ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް އިންޑިއާއިން 1.8 މެގަވޮޓްގެ ޖެނަރޭޓަރު ސެޓެއް އައްޑޫއަަށް ގެންދިއުމަށް ފުރުވާލާފައެވެ.

އެ ޖެނެރޭޓަރު ރޭ 11:00 ޖަހާކަށްހާއިރު އައްޑުއަށް ލިބުމާއެކު ޖަނަރޭޓަރު އަންލޯޑްކޮށް ސެންޓްރަލް ޕަވާ ސްޓޭޝަނަށް ގެންދިއުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކޮށް އެ ކުންފުނިން ބުނީ، 48 ގަޑިއިރުތެރޭ އެ އިންޖީނު އިންސްޓޯލްކޮށް ހިދުމަތް ދޭން ފެށުމަށް ޓެކްނިކަލް ޓީމުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކަރަންޓުގެ ކެނޑުމުގެ ގިނަގުނަ ތަކުލީފުތަކާއެކުވެސް، އައްޑޫސިޓީގެ ރައްޔިތުން ކެތްތެރިކަން އިސްކޮށް، ދައްކާ ފުރިހަމަ ނަމޫނާއާއި، މައްސަލަތައް ހައްލުކުރުމަށް ކުންފުނިން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކަށް ފެނަކައިން ޝުކުރުވެސް އަދާ ކޮށްފައި ވެއެވެ.

އައްޑުއަށް ކަރަންޓުގެ މައްސަލަ ދިމާވެފައި ވަނީ އެ ސިޓީގައި ބޭނުން ކުރަމުން ދިޔަ 18 ޖަނަރޭޓަރުގެ ތެރެއިން، ގިނަ އިންޖީނުތަކެއް އޯވަހޯލް ނުކޮށް ދިގުލައިގެން ދިއުމުން އެޖަނަރޭޓަރުތައް ހަލާކުވުމުގެ ސަބަބުންނެވެ. އެއާއެކު އިންޖީނުތަކަށް ލޯޑު ބޮޑުވެ އައްޑޫ ސިޓީގައި މިހާރު ކަރަންޓު ދެނީ، އެކި ގަޑިތަކަށް އެކި ހިސާބުތަކުން ކަރަންޓު ކަނޑާ އުސޫލުންނެވެ. އައްޑޫ ސިޓީގައި ޕީކް ވަގުތުގައި ކަރަންޓުގެ ލޯޑު، 11.6 މެގަވޮޓަށް އަރައެވެ.