ކްރިމިނަލް ކޯޓާއި ޑްރަގު ކޯޓުގެ ޖާގައިގެ ދަތިކަމަށް ހައްލުހޯދުމަށް ތައްޔާރުކުރަމުންދާ ވަގުތީ އިމާރާތް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ މި އިމާރާތަކީ ހުޅުމާލޭގައި ތަރައްގީކުރަން ހަމަޖެހިފައިވާ ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އިމާރާތް ކުރެވެންދެން ކޯޓުތަކުގެ ޖާގައިގެ ދަތިކަމަށް މިވަގުތަށް ހައްލު ހޯދައިދިނުމަށް ތައްޔާރު ކުރަމުންދާ އިމާރާތެއް ކަމަށެވެ.
ރައީސް މުއިއްޒު މިއަދު ވަނީ އެތަނަށް ޒިޔާރަތް ކުރައްވާ ކޯޓު އިމާރާތުގެ ޕްލޭންތައް ބައްލަވާލައްވާފައެވެ. މީގެއިތުރުން ރައީސް ވަނީ އެޗްޑީސީގެ ބައެއް އިސް ބޭފުޅުންނާވެސް ބައްދަލުކުރައްވާ މިހާތަނަށް ލިބިފައިވާ ކުރިއެރުންތައް އޮޅުންފިލުއްވާފައެވެ. މި ޒިޔާރަތުގައި ރައީސްގެ އަރިހުގައި ކެބިނެޓުގެ ވަޒީރުންނާއި ޝަރުއީ ދާއިރާގެ އިސްބޭފުޅުންގެ އިތުރުން ސަރުކާރުގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.
ރައީސް މުއިއްޒު ވަނީ މި އަހަރުގެ ރިޔާސީ ބަޔާނުގައި ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މައްސަލަތަކުގެ އަޑުއެހުންތައް ލަސްވެ، ހުކުމަކާ ހަމައަށް ވާސިލުނުވެ ދިގުލައިގެން ދިއުންކަމުގައި ފާހަގަކުރައްވާފައެވެ.
ރައީސް އޮފީހުން ވަނީ ޝަރުއީ ދާއިރާއަކީ ރައްޔިތުން އިތުބާރުކުރާ ދާއިރާއަކަށް ހެދުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ދާ ކަމަށް ބުނެފައެވެ.