ފިތުރު އީދު ދުވަސް ފާހަގަކުރުމުގެ ގޮތުން "އީދުހަވީރު 1446"ގެ ނަމުގައި ހާއްސަ ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.
"އީދުހަވީރު 1446"އަކީ ފިތުރު އީދުގެ އުފަލުގައި އާއިލާތައް އެކުވެރި މާހައުލެއްގައި ބައްދަލުވެ އީދު ސަލާންކޮށް، ހިތްހަމަޖެހޭ މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ގޮތުން ބާއްވާ ހަރަކާތެއް ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
އެމްއެންޑީއެފްއިން ބުނީ މި ހަރަކާތް އޮންނާނީ އީދު ދުވަހުގެ ހަވީރު 4 އިން 6 އަށް މާލެ ސަލްޓަންޕާކުން ފެށިގެން އިސްލާމީ މަރުކަޒު މައިދާނާއި ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑުފާލަމުގެ ސަރަހައްދު ހިމެނޭހެން އެކަމަށް ތައްޔާރުކުރެވިފައިވާ ބޮޑު ސަރަހައްދެއްގައި ކަމަށެވެ.
އީދުހަވީރު ކުރިއަށް ދާނީ ކުޑަކުދީން ގަޔާވާނެ ގިނަ ކަންތައްތަކެއް ހިމަނައިގެން ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ. އެގޮތުން މި ހަރަކާތުގައި އެކި ފަންނުވެރީންގެ ހުށަހެޅުންތަކާއި ކުޅިވަރު ކުޅުމާއި ހާއްސަ އެކި ފަރާތްތަކާ ބައްދަލުވުމުގެ ހަނދާނީ ވަގުތުކޮޅުތަކުގެ އިތުރުން އީދު ހަދިޔާ ދިނުން ކުރިއަށްދާނެކަން އެމްއެންޑީއެފްއިން ވަނީ ފާހަގަކޮށްފައެވެ.
އެމްއެންޑީއެފްއިން ބުނީ މާލޭގައި މިފަދަ ހަވީރެއް އިންތިޒާމުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އިސްލާމީ މުހިންމު މުނާސަބާގެ އުފަލުގައި ވީހާވެސް ގިނަ ދިވެހި އާއިލާތަކެއް އެއް ތަނަކުން ބައްދަލުވެ، އިޖުތިމާއީ ރޫހު އާލާކުރުން ކަމަށެވެ. އަދި ދިވެހީންގެ މެދުގައި އޮތް އެއްބަޔަކު އަނެއް ބަޔަކާ ބައްދަލުވެ ސަލާންގަލާންކޮށް، މުނިފޫހިފިލުވައި ހަދިޔާ ބަދަލުކުރުންފަދަ ރީތި އާދަތަކަށް ދިރުން ގެނެސްދިނުން ކަމަށެވެ.
އީދުހަވީރު 1446އަކީ އެމްއެންޑީއެފާއި ފުލުހުން އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން އިންތިޒާމް ކުރާ ހަރަކާތެކެވެ.