އއ. ރަސްދޫގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ދެ މީހަކު ވަރަށް ބޮޑަށް ފިހިއްޖެ އެވެ.
ރޭ ދަންވަރެއްހާއިރު ރަސްދޫ ގެއެއްގެ ކޮޓަރީގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހިފައި ވަނީ ދެމަފިރިއަކު ނިދާފައި ތިއްބައެވެ.
އެ ހާދިސާގައި އަންހެން މީހާގެ ހަށިގަނޑުގެ 90 ޕަސެންޓި ފިހިފައިވާއިރު ފިރިހެން މީހާ ވެސް ވަނީ ވަރަށް ބޮޑަށް ފިހިފައެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދެ މީހުންނަށް ވެސް ފަރުވާ ދެމުންދަނީ އެ ހޮސްޕިޓަލްގެ އެމެޖެންސީ ރޫމްގައި ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމަކޮށްފައި ނުވެއެވެ.
ކޮޓަރީގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާތަނަށް އެނގިފައި ނުވެއެވެ.