އަހްމަދު ޝާހު މައްސުއޫދު އުފަންވެ ވަޑައިގަތީ ސެޕްޓެމްބަރު 2، 1953 ވަނަ އަހަރުއެވެ. އޭނާއަކީ އަފްގާނިސްތާނުގެ މިލިޓަރީ ލީޑަރެއްގެ އިތުރުން ވަރުގަދަ ސިޔާސީ ޝަހުސިއްޔަތެކެވެ. 1979 އިން 1989 އަށް ސޯވިއެޓް-އަފްގާން ހަނގުރާމައިގެ ދުވަސްވަރު ގެރިލާ ކޮމާންޑަރެއްގެ ގޮތުގައި ހަރަކާތްތެރިވި މައްސުއޫދު އަކީ 1990 ވަނަ އަހަރު އަފްއާން މިލިޓަރީ އާއި ގުޅުމަށްފަހު 2001 ވަނަ އަހަރު އަވަހާރަވުމާއި ހަމައަށް ގައުމުގެ މިނިވަންކަމަށް މަސައްކަތްކުރެއްވި އަފްއާނިސްތާނުގެ ބަތަލެކެވެ. އަފްއާނިސްތާނުގެ އުތުރުގައި އޮންނަ ޕަންޖްޝިރު ވާދީގައި ސުންނީ މުސްލިމު އާއިލާއަކަށް އުފަން މައްސުއޫދު 1970 ގެ އަހަރުތަކުގައި ކާބުލްގެ ޕޮލިޓެކްނިކަލް ޔުނިވާސިޓީ އޮފް ކާބުލްގައި އިންޖިނިއަރިން ކިޔަވަމުން ދިޔަ ދުވަސްވަރު ބުރްހަނޫއްދީން ރައްބާނީ އާއި އެކު ދީނީ މަސައްކަތުގައި ހަރަކާތްތެރިވެ ވަޑައިގަތެވެ.

2000 ވަނަ އަހަރު ބޭއްވުނު މަޝްވަރާއެއްގެ ތެރެއިން މައްސޫދު

މުހައްމަދު ދައުދު ހާންގެ ސަރުކާރާ ދެކޮޅަށް ކުރަމުން ދިޔަ މަސައްކަތުގައި ބައިވެރިވެ ވަޑައިގަތެވެ. އޭނާ ފަހުން ރައްބާނީގެ ޖަމިއަތު އީ އިސްލާމީ ޕާޓީއާ ގުޅިވަޑައިގެންނެވި އިރު ސޯވިއެޓް-އަފްއާން ހަނގުރާމައިގެ ދުވަސްވަރު އޭނާގެ ހިތްވަރުގެ ސަބަބުން 'ޕަންޖްޝިރުގެ ސިންގާ' ގެ ނަމުން ނަން ދެވުނެވެ. 1992 ވަނަ އަހަރު ކޮމިއުނިސްޓް އިސްލާމިކް ސްޓޭޓް އޮފް އަފްއާނިސްތާނުގައި ސުލްހަވެރިކަމާއި ބާރުތައް ހިއްސާކުރުމުގެ އެއްބަސްވުމެއް ކަމަށްވާ ޕެޝަވާ އެކޯޑްގައި ސޮއިކުރެވި މައްސުއޫދު ވަނީ ޑިފެންސް މިނިސްޓަރުގެ އިތުރުން ސަރުކާރުގެ މައި އަސްކަރީ ކޮމާންޑަރުކަންވެސް ކުރައްވާފައެވެ. 2000 ވަނަ އަހަރު ބޭއްވުނު މަޝްވަރާއެއްގެ ތެރެއިން މައްސޫދުއަފްއާނިސްތާނަށް 1996 ވަނަ އަހަރު ތާލިބާނުންގެ އަތްގަދަކޮށް، އެ ގައުމުގެ އާންމު ރައްޔިތުން މަރާ ހިންގަމުން ދިޔަ އިންސާނިއްޔަތާއި ހިލާފު އަމަލުތަކާއި ދެކޮޅަށް މައްސުއޫދު ނިކުމެ ވަޑައިގަތެވެ.

އެންމެ ފުރަތަމަ އަފްއާނިސްތާނުގެ ސުލްހައަށްޓަކައި ތާލިބާނުންނާއެކު މަޝްވަރާތައް ބޭއްވުމަށް މައްސުއޫދު ވަރަށް ބޮޑަށް މަސައްކަތްކުރެއްވިއެވެ. އޭރުވެސް އަފްއާނިސްތާނުގެ ގިނަ ހިސާބުތައް ތާލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާއިރު ސުލްހައިގެ އެއްބަސްވުމަކަށް ދާން އެމީހުން ދެކޮޅު ހެދިއެވެ. ތާލިބާނުންގެ ސިޔާސަތުތަކާއި ދެކޮޅަށް ނުކުމެ ވަޑައިގެންނެވި މައްސުއޫދު ވަނީ އަފްއާނިސްތާން ނުވަތަ އުތުރުގެ އިއްތިހާދުގެ ސަލާމަތަށްޓަކައި ޔުނައިޓެޑް އިސްލާމިކް ފްރޮންޓްގެ އަސްކަރިއްޔާ އުފައްދާ ސިޔާސީ ލީޑަރަކަށްވެ ވަޑައިގެންފައެވެ. އަދި 2000 ވަނަ އަހަރުގެ ނިޔަލަށް އަފްއާނިސްތާނުގެ 5 އާއި 10 އިންސައްތައާ ދެމެދުގެ މިންވަރަކަށް ކޮންޓްރޯލްކުރެއްވިއެވެ. 2001 ވަނަ އަހަރު ޔޫރަޕަށް ޒިޔާރަތް ކުރައްވައި، ތާލިބާނުންނަށް، ޕާކިސްތާނުން ދެމުން ދާ އެއްބާރުލުން ކަނޑާލުމަށް މަޖުބޫރުކޮށް ދިނުމަށް ޔޫރަޕްގެ ޕާލަމެންޓްގެ ލީޑަރުންނަށް އިލްތިމާސް ކުރެއްވިއެވެ. އަދި ތާލިބާނުންގެ އަތް ދަށުން އަފްއާނިސްތާނު ސަލާމަތްކޮށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެދުނެވެ.

ސެޕްޓެމްބަރު 9، 2021 ގައި އަލްގައިދާގެ ދެ ހަނގުރާމަވެރިއަކު ޖާނުން ފިދާވެގެން ދިން ހަމަލާއެއްގައި މައްސުއޫދު އަވަހާރަވީ އިންޑިއަން މިލިޓަރީ ހެލިކަޕްޓަރެއްގައި ތާޖިކިސްތާނުގެ ބޯޑަރު ހުރަސްކޮށް ހޮސްޕިޓަލަކަށް ދާން އުޅެނިކޮށެވެ. މައްސުއޫދުގެ ޖަނާޒާ އޭނާގެ އަުފަން އަވަށުގައި ބޭއްވި އިރު މި ޖަނާޒާގައި އެތެއް ހާސް ބަޔަކު ވަނީ ބައިވެރިވެފައެވެ. މައްސުއޫދުގެ އިންޓަވިއުއެއް ނަގަން ބޭނުންކުރި ކެމެރާތެރޭގައި ކުޑަ ބޮމެއް ފޮރުވައިގެން ދިން ހަމަލާގައި އޭނާ އަވަހާރަވިތާ ދެ ދުވަސް ފަހުން ސެޕްޓެމްބަރު 11 ގައި އެމެރިކާއަށް ދިން ވަރުގަދަ ހަމަލާއާއި އެކު ނޭޓޯއިން މައްސުއޫދުގެ ހަނގުރާމަވެރިންނަށް ބޮޑު އެއްބާރުލުމެއް ދިނެވެ.

މަސޫދުގެ ޖަނާޒާގެ ތެރެއިން

މައްސުއޫދުގެ ޖަނާޒާގެ ތެރެއިންމައްސުއޫދު އަވަހާރަވުމަށް ފަހު ހިނގި ހަމަނުޖެހުންތަކާއެކު ތާލިބާނުން ވެރިކަމުން ދުރުކުރުމަށްފަހު، ވެރިކަމާއި ހަވާލުވި ރައީސް ހާމިދު ކަރުޒާއީގެ އަމުރަށް މައްސުއޫދަށް ވަނީ 'ގައުމީ ބަތަލު' ގެ ނަން ދީފައިވެއެވެ. މައްސުއޫދު އަވަހާރަވި ތާރީހުކަމަށްވާ ސެޕްޓެމްބަރު 9 ވަނަ ދުވަހަށް މައްސުއޫދު ދުވަސް' ގެ ނަމުން ނަންދީ ގައުމީ ބަންދެއްގެ ގޮތުގައި ފާހަގަކުރި ނަމަވެސް ތާލިބާނުން 2021 ވަނަ އަހަރު އަފްއާނިސްތާނު އެމީހުންގެ ބާރުގެ ދަށަށް ގެންދިއުމަށްފަހު އެ ދުވަސް ފާހަގަކުރުން ހުއްޓާލިއެވެ. 2021 ވަނަ އަހަރު މައްސުއޫދަށް، ތަޖިކިސްތާނުގައި އަރުވާ އެންމެ މަތީ ޝަރަފު އެރުވި އިރު އޭނާ އަކީ އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް އަފްއާނިސްތާނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރެއްވި ލީޑަރެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ. 26 އަހަރު ވަންދެން އަފްއާނިސްތާނުގެ ހައްގުގައި މަސައްކަތްކުރެއްވި މައްސުއޫދު މަޝްހޫރުވެފައިވަނީ ހަނގުރާމައިގެ ބިރުވެރިކަމުގެ ތެރޭގައިވެސް ގައުމު ދޫކޮށް ވަޑައިނުގެންނެވި ހަމައެކަނި ލީޑަރުގެ ގޮތުގައެވެ.