ޓްރެސް ލެޗެސް ކޭކަކީ ވަރަށް މީރު އަދި ގިނަބަޔަކަށް ކަމުދާ ކޭކެކެވެ. މި ފަހަކުން ޓްރެސް ލެޗެސް ކޭކު ޓިކްޓޮކުގައިވެސް ވައިރަލް ވެފައިވާއިރު މިއީ ހާއްސަކޮށް މިފަދަ ދުވަސްވަރެއްގައި ތައްޔާރުކޮށްލަން ރަނގަޅު ފޮނި ކާއެއްޗެކެވެ.
ފޮނި އެއްޗެއް ނުވަތަ ޑެޒާޓަކާއި ނުލާ ރޯދަ ސުފުރާ ފުރިހަމަ އެއް ނުވާނެއެވެ. އެހެންކަމުން މިއަދު ރޯދަ ވީއްލަން ޓްރެސް ލެޗެސް ކޭކެއް އަޅަމާ ހިނގާށެވެ. މިއީ ގޭގައި ފަސޭހައިން ތައްޔާރުކޮށްލެވޭނެ އެއްޗަކަށްވާއިރު މި ކޭކު ހަދަން މާ ގިނަ ވަގުތެއްވެސް ނުދާނެއެވެ.
ބޭނުންވާ ތަކެތި:
- 1 ވެނީލާ ފުށް ޕެކެޓު
- 4 ބިސް
- 1 ޕެކެޓު ރޯކިރު
- 1/3 ތަށި ތެޔޮ
- 1 ދަޅު ގެރި ކިރު
- ވިޕް ކްރީމް
- 1 ކިވީ (ފޮތި ކޮށްފައި)
ތައްޔާރު ކުރާނެ ގޮތް:
ބޯތައްޓަކަށް ވެނީލާ ފުށް ޕެކެޓު އަޅާލުމަށްފަހު އޭގެ ތެރެއަށް ބިހާއި، 1 ތަށި ރޯކިރު އަދި ތެޔޮ އެޅުމަށް ފަހު ރަނގަޅަށް ގިރާލާށެވެ. ރަނގަޅަށް ގިރާލުމަށްފަހު އަވަނަށް ފިހަން ލާށެވެ.
ދެން އިތުރު ބޯތައްޓެއްގައި 1 ތަށި ރޯކިރު އަދި ގެރި ކިރު އެޅުމަށްފަހު ރަނގަޅަށް މިކްސް ކޮށްލާށެވެ. އެއަށްފަހު މި މިކްސް ކުރި ބައި ފިހުނު ކޭކުގެ ތެރެއަށް އަޅާލާށެވެ. އެއަށްފަހު މީގެ މައްޗަށް ވިޕް ކްރީމް އަޅާށެވެ.
އެންމެ ފަހު ކަމަކަށް ކިވީ ފޮތި ފޮއްޗަށް ކޮށުމަށްފަހު ކޭކުގެ މައްޗަށް ލޭޔާ ކޮށް އަތުރާލާށެވެ. ބޭނުންނަމަ ކިވީގެ ބަދަލުގައި ސްޓޯބެރީ ފަދަ މޭވާއެއްވެސް އެޅިދާނެއެވެ. މިހާ ހިސާބުން މިއޮތީ ފަސޭހައިން ގޭގައި ތައްޔާރުކޮށްލެވޭ ޓްރެސް ލެޗެސް ކޭކު ތައްޔާރު ކުރެވިފައެވެ.