އެމްޑީޕީން މާލޭގައި ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް އެ ޕާޓީގެ ދުވަސްވީ އެކްޓިވިސްޓު އަދި އެމްޑީޕއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީޅް އަހްމަދު ނަސީމްގެ މަންމަ، މަރިޔަމް ޒުބެއިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން އޭނާއާ ދެކޮޅަށް ދައުވާކުރަން މިއަދު ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

އެމްޑީޕީއިން ރޭގނަޑު މާލޭގެ މަގުތަކުގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން މަންދީ ވަނީ ރާއްޖޭގައި ވޭޕް މަނާ ކުރީ ރައީސްގެ ދަރިކަލުން ވޭޕް ބޭނުން ކުރާކަން އެނގިގެން އެކަން ހުއްޓުވުމަށް ކަމަށް ބުނެ ސާބިތު ނުހިފޭ ތުހުމަތެއް ކޮށްފައެވެ.

މިކަމާ ގުޅިގެން މިއަދު ރައީސްގެ އާއިލާގެ ގާނޫނީ ވަކިލު އުސްތާޒާ އާޒިމާ ޝަކޫރު ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ރައީސްގެ ދަރިކަލުންނަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން، އުމައިރުގެ ނަފްސަށާއި ފުރާނަ އަށް ނުރައްކާވާނެ ހާލަތެއް މެދުވެރިކޮށް، އުމައިރުގެ ކިޔެވުމަށާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ހާލަތެއް މެދުވެރިކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން މަންދީ ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ އިން ކަށަވަރު ކޮށްދީފައިވާ ރައްކާތެރިކަމާއި ކަރާމާތް ނަގާލާފައިވާކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އެއާއެކު އެ ބަޔާނުގައި ވަނީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގު ނިގުޅައިގެންފައިވާތީ އުމައިރުގެ މަންމަ، އަދި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ފަރާތްޕުޅުން މަންދީގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މައްސަލަ ހުށަހަޅާފައި ކަމަށެވެ.

މިކަމާ ގުޅިގެން މިދިޔަ ހަފްތާގައި ރައީސްގެ އާއިލާގެ ފަރާތުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވާފައެވެ. މި ބައްދަލުވުމުގައި އާޒިމާ ވަނީ މިވަގުތު 3 ފަރާތަށް ދައުވާ ކުރަން ނިންމި ނަމަވެސް އިތުރު ފަރާތްތަކަށް ދައުވާ ކުރަން ޖެހޭނަމަ އެކަންވެސް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެއީ މަންދީގެ އިތުރުން އިދިކޮޅު އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެވެ.

އާޒިމާ ވިދާޅުވީ މި މައްސަލައިގައި ފައްޔާޒަށް ދައުވާކުރަނީ އެ ވާހަކައަށް ހިތްވަރުދީ ޓްވީޓް ކުރައްވާފައި ވާތީ ކަމަށެވެ. އަދި މި މައްސަލައިގައި އެމްޑީޕީއަށް ދައުވާކުރަނީ މުޒާހަރާގައި ހިނގާ ކަންކަމަށް އެ މުޒާހަރާ އިންތިޒާމްކުރި ފަރާތުން ޒިންމާވާން ޖެހޭނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށް އާޒިމާ ވަނީ ވިދާޅުވެފައެވެ.

މި މައްސަލައިގައި އާއިލާގެ ފަރާތުން ބުނެފައި ވަނީ، މަންދި ތުހުމަތު ކުރި ދަރިކަލުން އުމަރު މުހައްމަދު މުއިއްޒަކީ އުމުރުން 16 އަހަރުގެ ބޭފުޅެއް ކަމަށާއި، އުމައިރަކީ އުމުރުގެ އެއްވެސް ހިސާބެއްގައި ދުންފަތުގެ އިސްތިއުމާލެއް އަދި ވޭޕެއް ވެސް ބޭނުން ކުރެއްވި ބޭފުޅެއް ނޫން ކަމަށެވެ.