ޑިޖިޓަލް ލޭންޑްސްކޭޕަށް އިންވެސްޓްކޮށް ދިވެހިންގެ ޑިޖިޓަލް ދިރިއުޅުން ކުރިއެރުވުމަށް އުރީދޫ މޯލްޑިވްސް އިން ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދީފިއެވެ.
އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ސީއީއޯ ހާލިދު އަލް ހަމާދީ ވަނީ، ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް އުރީދޫ މޯލްޑިވްސް އިން އަބަދުވެސް އިންވެސްޓް ކުރުމަށް ކުރާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލާފައެވެ. ހާލިދް ވިދާޅުވީ، ކަނެކްޓިވިޓީ އިތުރަށް ހަރުދަނާ ކުރުމަށާއި އިނޮވޭޓިވް ޑިޖިޓަލް ސޮލިއުޝަންތައް ތައާރަފް ކުރުމާއި އައިއޯޓީގެ ގާބިލްކަން ފުޅާކޮށް ޓެކްނޮލޮޖީގެ ޒަރިއްޔާއިން މުޖުތަމައުތައް ބާރުވެރި ކުރުވުމަށް ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
އެ ކުންފުނީގެ އަމާޒަކީ، ޑިޖިޓަލް އެކްސެސްގެ ސަބަބުން އިގްތިސޯދީ ކުރިއެރުމާއި، އިޖްތިމާއީ ކުރިއެރުމަށް މަގުފަހިކޮށްދޭ، މުސްތަގްބަލަށް ތައްޔާރުވެފައިވާ ޑިޖިޓަލް މޯލްޑިވްސްއެއް އުފެއްދުން ކަމަށް އޭނާ ވިދާޅުވިއެވެ.
އުރީދޫ މޯލްޑިވްސްއަކީ ރާއްޖޭގެ ޑިޖިޓަލް ކުރިއެރުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުންޏެވެ. އިނޮވޭޝަނާއި ކަސްޓަމަރުންގެ ތަޖުރިބާއަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން އެ ކުންފުނީގެ ނެޓްވޯކް އިންފްރާސްޓްރަކްޗާ ހަރުދަނާކޮށް، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުގެ ކުރިއަރަމުން އަންނަ ބޭނުންތައް ފުއްދައިދޭ އެޑްވާންސް ޑިޖިޓަލް ހިދުމަތްތައް އަންނަނީ ތައާރަފް ކުރަމުންނެވެ.
ސްޓްރެޓެޖިކް ޕާޓްނާޝިޕްތަކާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ތެރެއިން، ޑިޖިޓަލް އިންކްލޫސިވް މުޖުތަމައެއް ބިނާކޮށް، ދުނިޔޭގެ ފެންވަރުގެ ޑިޖިޓަލް ތަޖުރިބާތަކާއި ފުރުސަތުތައް ދިވެހިންނަށް ހޯދައިދިނުމަށް އުރީދޫ މޯލްޑިވްސް އިން އަބަދުވެސް މަސައްކަތް ކުރެއެވެ.