ރައީސް ޑރ. މުހައްމަދު މުއިއްޒު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އައާ ޓާމިނަލަށް ޒިޔާރަތް ކުރައްވާ ޓާމިނަލް ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ބައްލަވާލައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ އެމްއޭސީއެލް އަދި ޓާމިނަލްގެ މަސައްކަތް ކުރާ ސައުދީ ބިންލާދިން ގްރޫޕުގެ އިސްވެރިން މި ޓާމިނަލުގައި ދަތުރުވެރިންނަށް ހިދުމަތް ދިނުމަށް ގާއިމުކުރާ އެކިއެކި ވަސީލަތްތަކާއި އެތަނުގެ ހިދުމަތްތަކާ ބެހޭ މައުލޫމާތު ރައީސް މުއިއްޒު އަށް ދެއްވާފައިވާ ކަމަށެވެ. މި ޓާމިނަލަކީ އަހަރަކު 7 މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދިނުމަށް ޑިޒައިން ކުރެވިފައިވާ ޓާމިނަލަކަށްވާއިރު، މިއީ 78 ހާސް އަކަ މީޓަރުގެ ބޮޑު ޓާމިނަލެކެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ ވީއައިއޭގެ އާ ޓާމިނަލަށް ޒިޔާރަތްކުރެއްވި އިރު އެ މަނިކުފާނުގެ އަރިހުގައި ކެބިނެޓުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ.
ރައީސް މުއިއްޒު ވަނީ ޒަމާނުންސުރެ ދަތުރުފަތުރުގެ ދަތިކަމަށް ހައްލުހޯދައި ދިނުމާއި ފަތުރުވެރިކަމުގެ ސިނާއަތްވެސް ކުރިއެރުވުމަށް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމަށް ސަރުކާރުން އެތައް މަސައްކަތެއް ކުރަމުންދާކަމަށް ވިދާޅުވެފައެވެ. އެގޮތުން މި އާ ޓާމިނަލް މިއަހަރުގެ އޮކްޓޫބަރުގެ ކުރިން ހުޅުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު ބޭނުންކުރާ ޓާމިނަލަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭވަރުގެ ޓާމިނަލަކަށްވާއިރު ރައީސް ވިދާޅުވީ އާ ޓާމިނަލްގައި ޒަމާނީ ވަސީލަތްތައް ގާއިމުކުރެވިފައި ހުންނާނެ ކަމަށާއި، އެގޮތުން އެއިރޯ ބޯޑިން ބްރިޖްތަކާއި އެންމެ ފަހުގެ ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމްތައް ހުންނާނެ ކަމަށެވެ.