މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ފަރާތުން ދިވެހިރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރުމަށް މީހުން ގެންދިޔުމަށް ހުއްދަ ދިނުމާއި، ހައްޖުގެ ކޯޓާއާ މެދު އަމަލުކުރާނެ ގޮތާއި ހައްޖުގެ ކަންތައްތައް ބެލެހެއްޓުމާ ގުޅޭ އެންމެހައި ސިޔާސަތުތަކާއި އުސޫލުތައް ކަނޑައަޅައި، އެ ކަންކަމާ އެއްގޮތަށް ހައްޖުގެ ހިދުމަތްދޭ ފަރާތުން އަމަލުކުރަމުންދާކަން ކަށަވަރުކުރުމާ ގުޅޭގޮތުން އެކުލަވާލި އުސޫލު ގެޒެޓުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި އުސޫލުގެ ބޭނުމަކީ ހައްޖާ ގުޅޭގޮތުން ރައްޔިތުންނަށް ލުއި އަގެއްގައި ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ. އަދި ހައްޖަށް ދިއުމުގެ ގަސްތުގައި ރައްޔިތުން ދައްކާ ފައިސާ، ރައްކާތެރިކަމާއި އަމާނާތްތެރިކަމާއެކު ބެލެހެއްޓުމުގެ ގޮތުން، ހައްޖަށް ދިއުމަށް ޓަކައި އެއްކޮށް ފައިސާ ދެއްކޭ ގޮތަށް ނުވަތަ ބައިބަޔަށް ބަހާލައިގެން ފައިސާ ދެއްކޭނެފަދަ ނިޒާމެއް ރައްޔިތުންނަށް ފޯރުކޮށްދިނުމާ އެކު ހައްޖު ކިއު ލިސްޓު ކުޑަކުރެވޭނެ ނިޒާމެއް ގާއިމުކުރުން ކަމަށެވެ. އިތުރަށް އެ މިނިސްޓްރީން ބުނީ މިއީ ދިވެހިރައްޔިތުން ހައްޖަށް ގެންދިޔުމުގެ ހިދުމަތް ފޯރުކޮށްދޭނީ، މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން ކަމަށާއި ހައްޖު ކިއު ކުޑަކުރުމުގެ ގޮތުން ފައިސާ ދައްކާ ފަރާތްތަކަށް ހައްޖަށް ދިޔުމުގެ ފުރުސަތު ދޭ ސިޔާސަތަށް ގެނެވުނު ބަދަލުގެ ދަށުން ރައްޔިތުންނަށް ގިނަ މަންފާތަކެއް ލިބިގެން ދާނެކަމަށެވެ.

މީގެ އިތުރުން އަލަށް ހައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދިނުމާއެކު ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކުގެ ތެރެއިން އުމުރުން 65 އަހަރުން ފެށިގެން މަތީގެ ފަރާތްތަކަށް ކޮންމެ އަހަރަކު މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ވަކި އިންސައްތައެއް ކަނޑައެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ އުމުރުން 75 އަހަރުން ފެށިގެން މަތީގެ މީހުންގެ ތެރެއިން ސިއްހީ ހާލަތަށް ބަލައި އެހީތެރިއަކު ހަމަޖެއްސެއްމުގެ ފުރުސަތު ދެވޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި އުސޫލުގެ ދަށުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ ލިސްޓުގައި އާއިލާ މީހަކު ހިމެނޭނަމަ (ހައްޖުގެ އަޅުކަން ކުރިން އަދާކޮށްފައިނުވާ) އެ މީހަކަށް ނުވަތަ އެހީތެރިއެއްގެ ގޮތުގައި ހައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހެއް ހަމަޖެއްސުމަށް ފުރުސަތު ދެވޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހަކަށް އިތުރު ފުރުސަތެއް ދެވޭނީ، އެންމެ ފަހުން ހައްޖުގެ އަޅުކަން އަދާކުރިތާ ހިޖުރީ ސަނަތުން 5 އަހަރުވުމުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގެ ލުއި އަގެއްގައި ހައްޖަށް ގެންދިއުމަށް މަގުފަހިކުރުމުގެ ވައުދުގެ ދަށުން، ދިވެހިރައްޔިތުން ހައްޖަށް ގެންދާނީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން ކަމާއި ހައްޖު ކޯޕަރޭޝަންގެ ކިއު ލިސްޓުން ޖާގަ ކަށަވަރުކޮށްފައިވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި ސިޔާސަތުގެ ދަށުން ވީ އެންމެ އަވަހަކަށް ހައްޖަށް ދިޔުމުގެ ފުރުސަތު ފަހިކޮށްދެވޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ހައްޖުގެ ކަންކަން ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތައް އިތުރުވި ބޮޅެއްކަމުގައި މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ.