މި ވަގުތު ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމުގައި ހުންނެވި ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއިން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވީ ޖޭއެސްސީއިން ނަން ފޮނުވާފައި ވަނީ ދިރާސާކުރުމަށްފަހު ކަމަށްވުމާއެކު އިތުރަށް ދިރާސާކުރަންޖެހޭ ކަމެއް ނެތް ކަމަށެވެ.

އެހެންކަމުން ކޮމިޓީގެ ވޯޓު ނެގުމަށްފަހު މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވާ މަސައްކަތް އަވަސްކުރުމަށް ފެނިވަޑައިގަންނަވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދުގެ ވާހަކައަށް އިޝާރާތް ކުރައްވަމުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވަނީ ރައީސް ފޮނުއްވާފައިވާ ނަން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ފެންނަ ކަމަށް ރައީސްއަށް ލަފާދިނުމަށް ހުށަހަޅުއްވާފައެވެ.

އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދުއެވެ. އަދި ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުވެ ތިއްބެވި މެންބަރުންގެ އިއްތިފާގުން އެ ހުށަހެޅުން ވަނީ ފާސްކޮށްފައެވެ.

މި މަހު ހަތަރުވަނަ ދުވަހު ސުފްރީމްކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމު ހުސްވެފައިވާއިރު އެ މަގާމަށް ކުރިމަތި ލުމަށް ހުޅުވާލި ފުރުސަތުގައި 3 ބޭފުޅަކު ކުރިމަތިލެއްވިއެވެ. އެއީ ޝަހީދުގެ އިތުރުން ގާނޫނީ ވަކީލު ރުސްދުﷲ އިބްރާހީމް އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތުއެވެ.