ސިޔާސީ އެޖެންޑާއެއް ކާމިޔާބު ކުރުމަށް ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)އާ ނުކުޅުމަށް އެންޑީއޭ ބޯޑުގެ ޗެއާމަން، އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ މުހައްމަދު ޒާހިރު ގޮވާލައްވައިފިއެވެ.
ލުބްނާ މިހެން ވިދާޅުވެފައި ވަނީ، މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ފަރުވާ ދިނުމުގައި ވަކި ހާއްސަ ބަޔަކަށް ފުރުސަތު ދީގެން، ކުރިއަށް ގެންދާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
އެގޮތުން އެންޑީއޭއާ ބެހޭ ވާހަކަތައް ފަތުރަމުން އަންނަ އެކައުންޓަކުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، ސެކިއުރިޓީ އިންޗާޖުން އަމިއްލައަށް އާ ކްލައިންޓުން އެޑްމިޓް ކުރާ ކަމަށާއި ފެސިލިޓީ މިހާރު ވެސް ފުރިފައި ވަނިކޮށް، އެއްވެސް މީހަކާ މަޝްވަރާ ކުރުމެއް ނެތި، ބެކްލޮގް ކްލިއާ ކުރަން ނުވަތަ ގިނަ ބަޔަކަށް ރިހެބަށް ވަނުމަށް މިއީ އެހީތެރިވެދޭން ކުރާ މަސައްކަތެއް ކަމަށް ވެސް ވެދާނެ ކަމަށެވެ.
ނަމަވެސް ހަގީގަތަކީ ސަރުކާރާ އެކު ލުބްނާ ޒާހިރު މި އެޑްމިޝަންތަކަށް ބާރު އަޅަނީ ހަމައެކަނި އަދަދުތައް އިތުރުކޮށް، މީޑިޔާގައި އޮޅުވާލުމުގެ ނިޔަތުގައި ކަމަށް އެ ފަރާތުން ބުނެއެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ރަނގަޅުވުމަށް އެހީތެރިވުމުގެ ހަގީގީ ވިސްނުމެއް ނެތް ކަމަށާއި އަދަދުތައް އިތުރުވަމުން ދިޔަ ނަމަވެސް ކްލައިންޓުންނަށް ބޭނުންވާ އެކަށީގެންވާ އަޅާލުމެއް ނުލިބޭ ކަމަށެވެ.
އެކަމަށް ރައްދު ދެއްވަމުން ލުބްނާ ވިދާޅުވީ، ސެކިއުރިޓީ އިންޗާޖުން އެއްވެސް ކްލައިންޓެއް ރިހެބަށް ނުވައްދަވާނެ ކަމަށެވެ.
އެންޑީއޭ އިން ކްލައިންޓުން ފަރުވާއަށް އެޑްމިޓް ކުރާތީ އެތަނުގައި ކޮންމެވެސް މީހަކު ވަރަށް ކަންބޮޑުވާ ކަމަށާއި ސިޔާސީ އެޖެންޑާއެއް ކާމިޔާބު ކުރަން އެންޑީއޭއާ ނުކުޅުމާށް އޭނާ ވިދާޅުވިއެވެ. އެތަނުގައި ފަރުވާ ދެމުން ދަނީ ފަރުވާއަށް އެނމް ބޭނުންވާ ފަރާތްތައް ދެނެގަނެގެން ކަމަށް ވެސް ލުބްނާ ފާހަގަ ކުރެއްވިއެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު، ފަރުވާ ހޯދުމަށް ހުކުމް ކޮށްފައި 700 މީުން ތިބި އިރު އެ އަދަދު ވަނީ 150 އަށް ދަށް ކޮށްފައި ކަމަށް އެންޑީއޭ އިން މިދިޔަ ފެބްރުއަރީ މަހު ވަނީ ބުނެފައެވެ. މިއަދަދު ދަށް ވެފައި ވަނީ މިދިޔަ އޮކްތޯބަރު މަހު މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން ފަރުވާ އަށް ގެނދިއުމަށް އެންޑީއޭއާއި ފުލުހުން ހިންގަން ފެށީ ހާއްސަ އޮޕަރޭޝަން އަސް ފަހުއެވެ.