މާފަންނު ސަހަރާގެ ގަބުރުތައް ނަގައި އެ ބިމުގައި ބައިބަލާ ކުޅޭ ދަނޑެއް ހަދައިފިއެވެ.
ދިވެހި ތާރީހު ދިރާސާ ކުރައްވާ ނާޖިހު ދީދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާފަންނު ސަހަރާގައި ހުރި ގާތްތިމާގެ މީހުންގެ ގަބުރުތައް އެއްވެސް ކަހަލަ ގަދަރެއް އިހްތިރާމެއް ނެތި ނަގާ އެއްލާލާފައި، އެތަނުގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ބައިބަލާ ކުޅޭ މައިދާނެއް ހަދަމުން ދާ ކަމަށެވެ.
އެކަން ފާހަގަކޮށް ނާޖިހު ކަންބޮޑުވުން ފާޅުކުރައްވާފައިވާ އިރު، އެތަނުގައި ބައިބަލާ މައިދާނެއް ހަދާފައިވާ މަންޒަރު ފެންނ ފޮޓޯ ވެސް އޭނާ ވަނީ ހިއްސާކޮށްފައެވެ. މީގެ ކުރިން ވެސް މާފަންނު ސަހަރާގެ ގަބުރުތައް ނަގައި މައްސަލާގައި ނާޖިހު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
90ގެ އަހަރަތަކުގެ ފަހު ކޮޅުގައި މާލޭގެ ހަތަރު އަވަށުގައި މީހުން ވަޅުލަމުން ދިޔަ ގަބުރުސްތާނުތަކުގައި މީހުން ވަޅުލުން ހުއްޓާލައި އާ ސަހަރާ ގައި މީހުން ވަޅުލާން ފެށިއެވެ. އެ ގަބުރުސްތާނުތަކުގެ ތެރެއިން މާފަންނު ސަހަރާ އަކީ ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި ޝަހީދުވި ބައެއް އާންމުން ވަޅުލާފައިވާ ސަހަރާ ވެސް މެއެވެ.
މާފަންނު ސަހަރާގައި ބައިބަލާ ކުލޭ ތަނެއް ހަދާފައިވާ މައްސަލައާ ގުޅިގެން ސިތީ ކައުންސިލްގެ ބަހެއް ނުލިބެއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި މާފަންނު ސަހަރާ ތައްޔާރު ކުރަމުން އެ ދަނީ ފިތުރު އީދޫގައި ބާއްވާ ބައިބަލާ މުބާރާތަށް ކަމަށް މައުލޫމާތު ލިބެއެވެ.
މާފަންނު ސަހަރާގެ ގަބުރުތައް ނަގައި، އެ ބިން އެއްކޮށް ހުސްކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އެ ސަހަރާގެ 36،153 އަކަފޫޓްގެ ސަރަހައްދެއް ހުސްކުރިއިރު އެ ތަނުގައި ޕާކިން ބިލްޑިންއެއް އަޅަން ނިންމާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން މީގެ ކުރިން ބުނެފައި ވެއެވެ.