އުރީދޫ ނޭޝަން އާއި ޔޫތު މިނިސްޓްރީ ގުޅިގެން 30،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ފެށި އުރީދޫ އީ-ސްޕޯޓްސް ފެސްޓިވަލް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

އުރީދޫ އިން ބުނީ މި ނިންމުމުގެ ރަސްމިއްޔާތުގައި ޔޫތް މިނިސްޓަރު އިބްރާހިމް ވަހީދު އަދި އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒުގެ އިތުރުން މިނިސްޓްރީ އަދި އުރީދޫގެ އިސް ވެރިން ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ. އުރީދޫ އިން ވަނީ މި މުބާރާތުގެ ޗެމްޕިއަނުންނަށް ފައިސާގެ އިނާމު މިހާރު ދީފައެވެ.

އުރީދޫގެ މި ފެސްޓިވަލް ކުރިއަށް ގެންގޮސްފައިވަނީ މާޗް މަހުގެ 12 އިން 14 އަށް ޔޫތު ތާޑް ސްޕޭސް ގައި ރޭގަނޑު 9:00 އިން މެންދަމު 12 ގެ ނިޔަލަށެވެ. އުރީދޫއިން ބުނީ މި ފެސްޓިވަލުގައި އީއޭއެފްސީ އާއި ޕަބްޖީ މޮބައިލް އަދި ޓެކެންގެ ޓައިޓަލްތަކަށް ގޭމަރުން ވާދަކުރި ކަމަށާއި، މި ހަރަކާތަކީ ކުރިއަރަމުން އަންނަ ލޯކަލް ގޭމިން ކޮމިއުނިޓީގެ ހުނަރު ދައްކާލައި، އެކުވެރިކަމާއި ވާދަވެރިކަމާއެކު ގޭމް ކުޅޭ ފަރާތްތަކާ ގުޅުން ބަދަހިކުރަން ހުރިހާ އުމުރުފުރާ އަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ފެސްޓިވަލެއް ކަމަށެވެ.

މި ފެސްޓިވަލްގައި އުރީދޫ އިން ވަނީ އިންޓަރެކްޓިވް ޕަބްލިކް އެކްސްޕީރިއަންސް ޒޯނަކާއި، ގޭމިންއަށް ޝައުގުވެރިވާ ފަރާތްތަކަށް މޯޓަލް ކޮމްބަޓް، ޓެކްކެން އަދި ތަފާތު ނިންޓެންޑޯ ސްވިޗް ގޭމްތަކާ ތަޖުރިބާ ކުރުމުގެ ފުރުސަތު ފަހި ކޮށްދީފައެވެ.

އުރީދޫ އިން ބުނީ މި ފެސްޓިވަލުގެ މަގްސަދަކީ ގޭމިންއަށް ޝައުގުވެރިވާ ފަރާތްތައް އެއްތަނަކަށް ގެނެސް، ވާދަވެރި އަދި މުނިފޫހިފިލުވުމުގެ މާހައުލެއް ގާއިމުކުން ކަމަށެވެ.