ބޮލުން އިސްތަށި ފޭބުމަކީ ކޮންމެ މީހަކުވެސް ވަރަށް ކަންބޮޑުވާ ކަމެކެވެ. މިކަމުގެ ހައްލު ހޯދުމަށް އެތައް މަސައްކަތެއްކޮށް ނާކާމިޔާބުވުމުން ސްޓްރެސްވެ، އަބަދު އެކަމާ ވިސްނާ މީހުންވެސް މަދެއް ނޫނެވެ. އެހެންނަމަވެސް ބޮލުން އިސްތަށި ފޭބުމަކީ ހަމަ ހަގީގަތުގައި އާދައިގެ ކަމެއްތޯ އަދި އެކަމުގައި ކަންބޮޑުވާންވީ ކޮން އިރަކުތޯ އަމިއްލައަށް ދެނެގަތުން މުހިއްމެވެ.
މުމްބާއީގެ ޑރ. ޝަރީފާ ސްކިން ކެއާ ކްލިނިކްގެ ޑަމަޓޮލޮޖިސްޓް ޑރ. ޝަރީފާ ބުނީ ބޮލުގައި ޝަމްޕޫ ބޭނުންކޮށްގެން ދޮންނައިރު އިސްތަށި ފޭބުމަކީ އާދައިގެ ކަމެއް ކަމަށެވެ. އަދި އެވްރެޖްކޮށް ދުވާލަކު 50 އާއި 100 އިސްތަށި ވެއްޓިގެން ދިއުމަކީ އާދައިގެ ކަމެއްކަން ފާހަގަކޮށް އޭނާ ބުނީ މި އިސްތަށިތައް އަލުންފަޅާތީ އެކަން ބައެއް ފަހަރު ފާހަގަވެސް ނުކުރެވޭކަމަށެވެ. އެހެންނަމަވެސް މި އިސްތަށިތައް ނުފަޅާ، ބޮލުގެ އިސްތަށިގަނޑަށް ބޮޑު ބަދަލެއް އަންނަކަން ފާހަގަކުރެވޭ ނަމަ ސަމާލުކަން ދޭން ޖެހޭ ކަމަށް ޝަރީފާ ބުންޏެވެ. ކުއްލިއަކަށް އިސްތަށިގަނޑުގެ ކުލަ ފަޑުވެ އިސްތަށިގަނޑު ތުނިވުމަކީ ސްޓްރެސްވުމުން، ހޯމޯން އިމްބެލެންސްވުން، ނުވަތަ ނިއުޓްރިޝަން ޑެފިޝަންސީސްވުމުގެ ސަބަބުން މެދުވެރިވެދާނެ ގޮތެއްކަމަށް ޝަރީފާ ވަނީ ބުނެފައެވެ. އަދި މިފަދަ ހާލަތްތަކުގައި އޭގެ އަސްލު ސަބަބު ދެނެގަނެ ހައްލު ހޯދުމަކީ މުހިއްމު ކަމެއްކަން އޭނާ ފާހަގަކުރިއެވެ.
ޑރ.ޝަރީފާވަނީ އިސްތަށިގަނޑަށް ދިނުމަށް އެންމެ ފައިދާ ހުރި ބައެއް ފަރުވާތައް ހިއްސާކޮށްފައެވެ. އެ ގޮތުން ބޮލުގެ އިސްތަށިގަނޑާ ގުޅޭ ޝޭމްޕޫއެއް އިހްތިޔާރުކުރަންޖެހޭކަމަށް އޭނާ ބުންޏެވެ. އަދި ޝޭމްޕޫ ބޭނުންކުރާއިރު ވިހާވެސް ބޮޑަށް ކެމިކަލްތައް ނުހިމެނޭ ގިދުރަތީ މާއްދާތަކުން މުއްސަނދިވެފައިވާ ޝޭމްޕޫއެއް ބޭނުންކުރަންޖެހޭ ކަމަށް ޝަރީފާ ބުންޏެވެ. މީގެ އިތުރުން ޝަރީފާ ބުނީ އިސްތަށިގަނޑު ދޮތުމުގެ ކުރިން އިސްތަށިގަނޑުގައި ހުންނަށް ގޮތްތައް ފިލުވަންޖެހޭ ކަމަށެވެ. ހޫނު ފެނުން އިސްތަށިގަނޑު ދޮތުމުން ގުދުރަތީ ތެޔޮތައް ނައްތާލާ، އިސްތަށިގަނޑު ބަލިކަށިކޮށްލާކަން ފާހަގަކޮށް ޝަރީފާ ބުނީ އޭގެ ބަދަލުގައި ފިނި ނުވަތަ ތާފެނާ ފެން ބޭނުންކުރުން ރަނގަޅު ކަމަށެވެ.
މީގެ އިތުރުން އިސްތަށި ފޭބުން ހައްލުކުރުމަށް ގިނައިން ޕްރޮޓީން ހިމެނޭ ކެއުން އަދި ބުއިންތައް ބޭނުންކުރުން މުހިއްމެވެ. ޕްރޮޓީން އަކީ އިސްތަށިގަނޑު ވަރުގަދަކޮށް ދިގުވުމަށް ބޮޑު އެހީއަކަށް ވެގެންދައިރު ބިހުގެ ހުދު ބައި، ގްރީކް ޔޯގަޓް އަދި ބީންސް ފަދަ ތަކެތިން ޕްރޮޓީން ލިބިގެން ދާނެއެވެ. މީގެ އިތުރުން، އިސްތަށި ފައިބާ މިންވަރު މަދުކުރުމަށް ކަނޑު މަސް، ފެހި ތަރުކާރީ އަދި ނަޓްސް ފަދަ ތަކެތި ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމެނުމަކީ މުހިއްމު ކަމެކެވެ.