ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ގުޅުވައި 'ހަސަން ކުރުސީ' ކިޔާ މީހަކު ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ ދޮގުކަމަށް، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ނިކް ލޯ ވިދާޅުވެއްޖެއެވެ.

މިދިޔަ ބުދަ ދުވަހު ރައީސް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ފަރާތްޕުޅުން ވަނީ ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ އިސްބޭފުޅުންނަށް ހާއްސަ ރޯދަ ވީއްލުމެއް ދެއްވާފައެވެ.

މުލީއާގޭގައި ބޭއްވި އެ ރޯދަ ވީއްލުމުގައި ރައީސް މުއިއްޒުގެ ދެކަނބަލުންގެ އަރިހުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި އެމަނިކުފާނުގެ އަނބިކަނބަލުން އައިޝަތު އަފްރީން މުހައްމަދާއި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލުގެ އިތުރުން ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެ ރޯދަ ވީއްލުމާ ގުޅިގެން ސޯޝަލް މީޑިއާގައި އެކި ފާޑުކިޔުންތައް އަމާޒު ކޮށްގައި ވާއިރު އެ އެއްވުމުގައި، ރާއްޖޭގެ އިސްލާމީ ދަންމަރާއި ހައިބަތު ދައްކުވައިދޭ މުންނާރާ ގުޅޭ ނުބައި މައުލޫމާތު ރައީސް ޑރ. މުހައްމަދު މުއިއްޒު، ބޭރުގެ ޑިޕްލޮމެޓުންނަށް ދެއްވި ކަމަށް ބުނެ ކުރުސީ ވަނީ ވާހަކަ ފަތުރާފަ އެވެ. ކުރުސީގެ ޓްވިޓާ އެކައުންޓުން ދައުރު ކުރި އެ ވާހަކަތަކުގައި، ހުކުރު މިސްކިތުގެ މުންނާރަށް 1000 އަހަރު ވެފައި ވާ ކަމަށް ރައީސް، ބޭރުގެ ފަރާތްތަކަށް ދެންނެވި ކަމަށް ބުނެފައި ވެއެވެ.

"އެއްވުމުގައި ޑިޕްލޮމަޓަކު ވަނީ މުންނާރަށް އިޝާރާތް ކުރައްވާ އެއީ އާކިޓެކްޗާގެ ފުރިހަމަ މަސައްކަތެއް ކަމަށް ވިދާޅުވުމުން ރައީސް މުއިއްޒު ޖަވާބުގައި ވިދާޅުވި، އެ ބިނާއަށް 1000 އަަހަރުވެފައި ކަމަށް. އަދި ހައިރާން ކަމާއެކު ޑިޕްލޮމެޓް ސުވާލު ކުރި، އެއީ ރާއްޖެ އިސްލާމްވުމުގެ ކުރިން ހަދާފައިވާ އިމާރާތެއްތޯ؟ އަދި އެ ވަގުތު ރައީސް އަށް އިރުޝާދު ދެއްވާނެ ބޭފުޅަކު ކައިރީގައި ނެތް ކަމަށް" މުލިއާގޭގައި ކުރިއަށް ދިޔަ ރޯދަ ވީއްލުމުގެ ފޮޓޯ އަކާއެކު ކުރުސީ ކުރި ޕޯސްޓުގައި ބުނެފައި ވެއެވެ.

ކުރުސީ ހިއްސާ ކުރި ފޮޓޯގައި ހުންނެވި އިނގިރޭސި ސަފީރު، ނިކް ލޯ އެ ވާހަކަތައް ދޮގު ކުރައްވާ ވިދާޅުވީ ފޮޓޯ ގަނޑުން ފެނިގެން ދަނީ އޭނާ ކަމަށާއި ނަމަވެސް އެ ރޯދަވީއްލުމުގައި ރައީސް އެފަދަ އެއްވެސް ވާހަކައެއް އޭނާގެ އަރިހުގައި ވެސް އަދި އޭނާއަށް އިވިވަޑައިގަންނަވާ ގޮތަށް އެހެން މީހެއްގެ ގާތުގައި ވެސް ވިދާޅުވި އަޑު އައްސަވާފައި ނުވާ ކަމަށެވެ. އެހެން ކަމުން ކުރުސީ ދައްކާ ވާހަކައާ މެދު ކިޔުންތެރިން އަމިއްލައަށް ގޮތް ނިންމުމަށްވެސް ސަފީރު ވަނީ އެދިވަޑައިގެންފައެވެ.

އެ ވާހަކަތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވެސް އަދި ރައީސް އޮފީހުން ވެސް މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ތާރީހުން ސާފުވާ ގޮތުގައި މުންނާރު ބިނާ ކުރެއްވީ މަޝްހޫރު ބޮޑު ރަސްގެފާނުގެ ދަރިކަލުން އިސްކަންދަރު ރަސްގެފާނު ނުވަތަ އައްސުލްތޯނު އިބުރާހިމް އިސްކަންދަރު ސްރީކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނެވެ.

އިސްކަންދަރު ރަސްގެފާނު، މުންނާރު ހައްދަވައި ނިންމެވީ މީލާދީން 1674 ގަ އެވެ. އެ ތާރީހުން ފެށިގެން ހަމައިން ހެދީމާ މިހާރު މި ހިނގާ އަހަރަށް މުންނާރަށް ވާނީ 350 އަހަރެވެ. ހިރި ގަލާއި އުވައިން ބިނާކޮށްފައިވާ މުންނާރަކީ މާލޭގެ އެންމެ މަޝްހޫރު އެއް ބިނާ ކަމަށްވާއިރު ފަތުރުވެރިންގެ މެދުގައި ވެސް މިއީ މަގްބޫލު ބިނާއެކެވެ.

ކުރުސީގެ އެކައުންޓަކީ އާންމުކޮށް ދޮގު ފަތުރާ އެކައުންޓަކަށް ވާ އިރު، އެކިއެކި ފަރާތްތަކުން ރިޕޯޓް ކޮށްގެން އެތައް ފަހަރަކު ކުރުސީގެ އެކައުންޓް އެކްސް އިން ބްލޮކް ކޮށްފައި ވެސް ވެެއެވެ.