ދައުލަތުގެ ކުންްފުނިތަކުގެ ކަންކަން ބަލަހައްޓަމުންދާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) ގެ ރައީސްގެ މަގާމަށް މީހަކު އައްޔަންކޮށްފިއެވެ.
ޕީސީބީގެ ރައީސްގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި ހަމްދީ އަގީލް ނިމިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ވަކި ކުރުމާ ގުޅިގެންނެވެ. ހަމްދީ އޭރު މަގާމުން ވަކި ކޮށްފައި ވަނީ މި ހިނގާ ރޯދަމަހު ހަދިޔާ އާއި ހަދިޔާގެ ގޮތުގައި އިތުރު ފައިސާ ނުދިނުމަށް ސާކިއުލާއެއް ނެރެފައިވާ ވަނިކޮށެވެ. ނަމަވެސް އޭނާ ވަކީ ކުރީ ކޮން ސަބަބަކާ ހުރެ ކަމެއް ޕީސީބީން ހާމަކޮށްފައި ނުވެއެވެ.
ނަމަވެސް އޭގެ މަސް ދުވަސް ފަހުން ރައީސް މިވަނީ އެ މަގާމަށް މީހަކު އައްޔަން ކުރައްވާފައެވެ. ރައީސް އޮފީހުން ބުނީ، ރައީސުލްޖުމްހޫރިއްޔާ އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ގއ. ދެއްވަދޫ، ދޭލިޔާގެ މުހައްމަދު އަނަސް ކަމަށެވެ.
އަނަސް އަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ މީގެ ކުރިން ވަނީ ސަރުކާރުގެ އެކި މަގާމުތައް ފުރުއްވާފައެވެ.
އެގޮތުން މިނިސްޓާ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ނައިބުކަމާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އޮޑިޓް މެނޭޖަރުކަމާއި މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސާ ކަމުގެ މަގާމަކީ އޭނާ ކުރިން އަދާ ކުރެއްވި މަގާމުތަކެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އުފައްދާފައި ވަނީ ދައުލަތުގެ ކުންފުނިތައް ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި މޮނިޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން 2013 ވަނަ އަހަރުއެވެ. ޕީސީބީ އަށް ރައީސް އައްޔަން ކުރައްވާ ބޭފުޅުންނަށް މަގާމު ލިބިގެން ދާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކުގައެެވެ.