ރަށްތަކާއި އަތޮޅުތަކުގެ ނަންތައް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ލިޔަން ހާއްސަ ކޯޑުތަކެއް ރައީސުލްޖުމހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.

ގާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު)ގެ ދަށުން ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް ރައީސް އެކަށައަޅައިފައިވާ ގަރާރު އުވާލުމަށްފަހު އާ ގަރާރެއް ވަނީ އެކުލަވާލާފައެވެ.

2025 ފެބުރުވަރީ 5 ވަނަ ދުވަހު ނެރުއްވައިފައިވާ ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) ގަރާރުގައި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ނަންތަކާއި އެ ރަށްތައް ނިސްބަތްވާ އަތޮޅުތަކުގެ ނަންތަކާއި އެ އަތޮޅުތަކަށް ދީފައިވާ އިދާރީ ކޯޑުތައް ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަންވީ ގޮތް ވަނީ ބުނެދީފައެވެ.

އެހެންކަމުން ދައުލަތުގެ އިދާރާތަކުގެ ރަސްމީ ލިޔެކިޔުންތަކާއި، މަތުބާތަކާއި (ޕަބްލިކޭޝަން)، މައުލޫމާތު އެއްކޮށް ބެލެހެއްޓުމަށް ބޭނުންކުރަމުންދާ ސިސްޓަމްތަކާއި، ބަސްދާރުތަކާއި (ޑޭޓާބޭސް)، ވެބްސައިޓްތަކާއި، ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި، ގަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން)ގައި ކަނޑައަޅައިފައިވާގޮތަށް ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ނަންތަކާއި އެ ރަށްތައް ނިސްބަތްވާ އަތޮޅުތަކުގެ ނަންތަކާއި އެ އަތޮޅުތަކަށް ދީފައިވާ އިދާރީ ކޯޑުތައް ދިވެހިބަހުންނާއި އިނގިރޭސިބަހުން ބޭނުންކުރައްވަމުން ގެންދެވުމަށް ރައީސް ވަނީ ދަންނަވާފައެވެ.