މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ލިވަޕޫލް ފުޓްބޯލް ކްލަބް (އެލްއެފްސީ) އާއެކު ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކޮށް ޕްރޮމޯޓުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމަކީ ތިން އަހަރު ދުވަހަށް ސޮއިކުރި އެ އެއްބަސްވުމަކަށްވާއިރު، މި ޕާޓްނާޝިޕް ރަސްމީކޮށް އިފްތިތާހު ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 2 ވަނަ ދުވަހު ލިވަޕޫލް އެފްސީ އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުގައެވެ. އެގޮތުން މި މެޗުގެ އެންފީލްޑް ސްޓޭޑިއަމްގެ ލެޑް ބޯޑުތަކުގައި މި ޕާޓްނާޝިޕާއި ދިވެހިރާއްޖޭގެ މަންޒަރުތައް ދައްކާލުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްޕީއާރްސީ އިން ވަނީ ބުނެފައެވެ.
އެމްއެމްޕީއާރްސީ އިން ބުނީ މި ކަމުގެ ސަބަބުން ކުލަބުގެ އޯޑިއަންސްގެ ގިނަ ބަޔަކު ރާއްޖެއަށް ދަތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން 2025 ވަނަ އަހަރު ރާއްޖެއަށް އިތުރު އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ އާމްދަނީ އަށް މިކަމުގެ ސަބަބުން 100 މިލިއަން ޑޮލަރަށްވުރެ އިތުރު އަދަދެއް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެމްއެމްޕީއާރްސީ އިން ވަނީ ބުނެފައެވެ.
ލިވަޕޫލް އެފްސީ އިން ހާމަކުރި ގޮތުގައި އެ އެއްބަސްވުމަކީ ލިވަޕޫލް އެފްސީގެ ފިރިހެން ޓީމުގެ އިތުރަށް އަންހެން ފުޓްބޯޅަ ޓީމް ވެސް ހިމެނޭ ގޮތަށް ސޮއިކުރި އެއްބަސްވުމެކެވެ. ލިވަޕޫލް އެފްސީ އިން ބުނީ މި އެއްބަސްވުމުގެ ދަށުން ރާއްޖެއާ ގުޅޭ ޕްރޮމޯޝަންތަކާއި، ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ހާއްސަ ފުރުސަތު ލިވަޕޫލްގެ ފޭނުންނަށް ލިބިގެން ދާނެ ކަމަަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ލިވަޕޫލް ފުޓްބޯލް ކްލަބުގެ އޯޑިއަންސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ 205 މިލިއަން ފޮލޯވަރުންނާއި، ކޮންމެ ސީޒަނަކަށް 211 މިލިއަނަށް ވުރެ ބޮޑު ޓީވީ އޯޑިއަންސްއަކާއި 53 މިލިއަން ސޯޝަލް އަދި ޑިޖިޓަލް ފޮލޯވަރުން ތިބެއެވެ.
އެމްއެމްޕީއާރްސީ އިން ބުނީ މިއީ މިއީ ވިޒިޓް މޯލްޑިވްސްގެ ސްޓްރެޓެޖީގެ ދަށުން ރާއްޖެ އަކީ ލީޑިން ލަގްޒަރީ އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކުރިއަށްދާ ކެންޕޭނެއް ކަމަށެވެ.