4 ރަށެއްގެ ސިއްހީ މަރުކަޒާއި ހޮސްޕިޓަލުގެ އާ އިމާރާތް ތަރައްގީކުރުމަށް ހެލްތް މިނިސްޓްރީ އިން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
މިގޮތުން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ 4 މަރުކަޒަކީ:
- ތ. ވިލުފުށީ ހޮސްޕިޓަލް
- ވ. ފެލިދޫ ހޮސްޕިޓަލް
- ށ. މާއުނގޫދޫ ސިއްހީ މަރުކަޒު
- ނ. ފޮއްދޫ ސިއްހީ މަރުކަޒު
އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގެ ދަށުން ތ. ވިލުފުށީ ހޮސްޕިޓަލާއި ވ. ފެލިދޫ ހޮސްޕިޓަލަށް 37 އެނދު އެކުލެވޭ 76،175 އަކަމީޓަރުގެ މެއިން ބިލްޑިން އަކާއި 2،563 އަކަމީޓަރުގެ ސާވިސް ބްލޮކެއްގެ އިތުރުން 7،147 އަކަމީޓަރުގެ އެކޮމޮޑޭޝަން ބްލޮކެއް ގާއިމުކުރެވިގެން ދާނެ ކަމަށެވެ. އަދި ށ. މާއުނގޫދޫ ސިއްހީ މަރުކަޒާއި ނ. ފޮއްދޫ ސިއްހީ މަރުކަޒަށް 16 އެނދުގެ ޖާގަ އެކުލެވޭ 15،650 އަކަމީޓަރުގެ އިމާރާތެއް އިތުރުކުރެވިގެން ދާނެ ކަމަށެވެ.
އެމްޓީސީސީ އިން ބުނީ ތ. ވިލުފުށީ އަދި ވ. ފެލިދޫ ހޮސްޕިޓަލްގެ މަޝްރޫއަކީ 105.13 މިލިއަން ރުފިޔާ އަދި 105.3 މިލިއަން ރުފިޔާށް 540 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވިފައިވާ ދެ މަޝްރޫ ކަމަށެވެ.
މީގެއިތުރުން ށ. މާއުނގޫދޫ އަދި ނ. ފޮއްދޫ ސިއްހީ މަރުކަޒުގެ މަޝްރޫއަކީ 27.2 މިލިއަން ރުފިޔާ އަދި 26.8 މިލިއަން ރުފިޔާއަށް 360 ދުވަސް ތެރޭ ނިންމުމަށް ހަވާލު ކުރެވިފައިވާ މަޝްރޫއެއް ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.
މި މަޝްރޫތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ. އަދި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުﷲ އެވެ.