ޕާޓީގެ ބޭނުމަށް މައުލޫމާތު ހޯދުމަށް ކަމަށް ބުނެ ޕީއެންސީގެ ނަމުގައި ފޭކު މެސެޖުތަކެއް ދައުރުކުރަމުންދާ ކަމަށް އެ ޕާޓީއިން ބުނެފިއެވެ.
ޕީއެންސީއިން ނެރުނު ނޫސް ބަޔާނުގައި ބުނީ ޕާޓީގެ ނަމުގައި އެކިއެކި ފަރާތަކަށް "ޕާޓީގެ ބޭނުމަށް މައުލޫމާތުތަކެއް ހޯދުމަށް" ކަމަށް ބުނެ،މެސެޖުތަކެއް ދައުރުކުރަމުންދާކަން އެކިފަރާތްތަކުން ޕާޓީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
ޕީއެންސީގެ ބޭނުމަށް ރަށްރަށުން އެއްވެސް މައުލޫމާތެއް ހޯދާނަމަ އެކަން ކުރާނީ ސީދާ ޕާޓީގެ ސްޓިއަރިން ކޮމިޓީތަކަށް ޕާޓީގެ މައި އިދާރާއިން ނުވަތަ ރަސްމީ ހައިސިއްޔަތެއް އޮތް ފަރާތަކުން ގުޅައިގެން ނުވަތަ އެކަމަށް ކަނޑައެޅިފައިވާ ޕާޓީގެ ރަސްމީ ޗެނަލެއް މެދުވެރިކޮށް ކަމަށް ޕީއެންސީއިން ބުނެއެވެ. އަދި މިގޮތަށް ގުޅާ ގުޅުންތަކުގައި ވެސް ބޭނުން ކުރާނީ ޕާޓީގެ ނަމުގައި ހުންނަ ނަންބަރުތައް ކަމަށާއި އެސްއެމްއެސްގެ ޒަރީއާއިން އެއްވެސް މައުލޫމާތެއް ހޯދުމަށް ޕާޓީގެ ރަސްމީ އިދާރާއިން ނޭދޭނެ ކަމަށް ޕީއެންސީއިން ވަނީ ބުނެފައެވެ.
ޕީއެންސީއިން ވަނީ މިހާތަނަށް ފާހަގަކުރެވިފައިވާ މި ބާވަތުގެ މައްސަލަތައް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަހަޅައިގެން ބަލަމުން ގެންދާނެ ކަމުގެ ޔަގީންކަން ދީފައެވެ.ސިޔާސީ ބޭނުމަށް ޕީއެންސީގެ ނަމުގައި ސައްހަ ނޫން މެސެޖުތަކެއް ފޮނުވުން ފަދަ ދަށުދަރަޖައިގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެ ޕާޓީއިން ވަނީ އެފަދަ އަމަލުތައް ކުރާ ފަރާތްތަކުން އެކަން ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ.
ޕީއެންސީއިން ބުނީ ޕާޓީގެ މެންބަރުންނާއި އާންމު ރައްޔިތުންގެ ކިބައިން އެދެނީ މިފަދަ ސައްހަނޫން މެސެޖުތަކަށް އިޖާބަނުދިނުމަށް ކަމަށެވެ. އަދި އެފަދަ މެސެޖެއް ލިބިއްޖެނަމަ ވަގުތުން ޕާޓީގެ ރަސްމީ އިދާރާއަށް އެކަން އެންގުން ޕީއެންސީއިން ވަނީ އެދިފައެވެ.
ޕީއެންސީއިން އަބަދުވެސް މަސައްކަތް ކުރާނީ ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ކުރުމަށާއި މަގުސަދަކީ ގައުމުގެ ލާބައާއި މަންފާއަށް މަސައްކަތްކުރުން ކަމަށް އެ ޕާޓީއިން ވަނީ ބުނެފައެވެ.