ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ރޯދަ ވީއްލުމެއް ދެއްވައިފިއެވެ.
ރައީސް އޮފީހުން ބުނީ ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ އިސްބޭފުޅުންނަށް ރައީސްގެ ދެކަނބަލުން ދެއްވި މި ރޯދަ ވީއްލުން ބާއްވާފައިވަނީ މިއަދު މުލިއާ ގޭގައި ކަމަށެވެ.
މި ރޯދަ ވީއްލުމުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި އެމަނިކުފާނުގެ އަނބިކަނބަލުން އައިޝަތު އަފްރީން މުހައްމަދުގެ އިތުރުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްގެ އިތުރުން ސަރުކާރުގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
މި އަހަރުގެ ރަމަޟާން މަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް މުއިއްޒު ވަނީ ސަރުކާރުގެ ހިދުމަތްތައް ހަލުވިކޮށް، ކޮންމެ ރަމަޟާން މަހެއްގައި ވެސް އޯގާތެރިކަމާއި ކުލުނާއި ދީލަތިކަމުގެ ނަމޫނާ ސަރުކާރުން ދައްކާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
އަދި ރައީސް ވަނީ ރަމަޟާން މަހާއެކު އުޅުމަށް އަންނަ ހެޔޮ ބަދަލު މުޅި އުމުރުގައި ދެމެހެއްޓުމަށާއި، ދަރިންނަށާއި ކުޑަކުދިންނަށާއި ޒުވާނުންނަށް ރަނގަޅު ނަމޫނާ ދައްކައި ހަރުދަނާ ސިފަތައް އުނގަންނައިދޭ މަހަކަށް ރަމަޟާން މަސް ހެދުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.