ރަށްރަށަށް ދިއުމަށް ލޯންޗު ފެރީގެ ހިދުމަތް ހޯދާ ރައްޔިތުންނަށް މާލެއަށް އަރާ ފޭބުމުގައި މިވަގުތު ތަހައްމަލު ކުރަން ޖެހިފައިވާ ތަކުލީފަށް ލުޔެއް ހޯދައި ދިނުމަށް މާލެ ސަރަހައްދުގައި ގާއިމްކޮށްފައިވާ އެމްޓީސީސީގެ ދެ ފެރީޓާމިނަލް ބޭނުން ކުރުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް 7 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެ ކުންފުނިން މި ފުރުސަތު ހުޅުވާލާފައި ވަނީ، އެމްޓީސީސީގެ ހެންވޭރު އަދި ހުޅުމާލޭގައި ހުންނަ ފެރީ ޓާމިނަލް ބޭނުން ކުރެވޭ ގޮތަށެވެ. އަދި ޝައުގިވެރިވާ ފަރާތްތަކުން ހުށަހެޅުމަށް ހުޅުވާލާފައި ވަނީ މި ހަުގެ 10 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިންނެވެ.

އެމްޓީސީސީން ބުނީ، މިހާތަނަށް 7 ފަރާތަކުން ހުށަހަޅާފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ، އދ. އަތޮޅުގެ ފެންފުށި، މާމިގިލި، ދިއްދޫ، ކ. އަތޮޅުގެ މާފުށި، ގުރައިދޫ، ގުޅި، ގާފަރު، ކާށިދޫ، އަދި ބ. އަތޮޅުގެ ތުޅާދޫ، ހިތާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫއަށް ލޯންޗް ފެރީގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް ކަމަށެވެ.

އެ ކުންފުނިން އަންދާޒާ ކުރާ ގޮތުގައި، މިހާރު ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކާއެކު، މި ހިދުމަތް ފެށުމާއެކު ދުވާލަކު ޖުމުލަ 15 ލޯންޗް ފެރީއަށް އެ ޓާމިނަލުން ހިދުމަތް ދެވޭނެ ކަމަށެވެ. އެއީ ގާތްގަނޑަކަށް 2000 ފަސިންޖަރުންނެވެ.

ހިދުމަތް ރޭވިފައިވާ ގޮތަށް ބަލާއިރު ހެންވޭރު ޓާމިނަލުން އެއްފަހަރާ 5 ލޯންޗަށް ކައިރި ކުރެވޭނެ ޖާގަ، އަދި ހުޅުމާލޭ ފެރީ ޓާމިނަލުން އެއްފަހަރާ 3 ލޯންޗަށް ކައިރި ކުރެވޭނެ ޖާގަ ވަނީ ހާއްސަކޮށްފައި ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި ކޮންމެ އުޅަނދަކަށް ވެސް އެ އުޅަނދު ޖެޓީއަށް ލަފާ ހިސާބުން ފެށިގެން ފުރުމާ ދެމެދު 30 މިނިޓުގެ ވަގުތެއް ލިބޭނެއެވެ.

މީގެއިތުރުން ދަތުރުވެރީން ޓާމިނަލަށް އައިސް ފުރުމާ ދޭތެރޭ މަޑުކޮށްލުމަށް ހާއްސަ ސަރަހައްދެއް ޓާމިނަލް ތެރޭ އިންތިޒާމު ކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ. އަދި ދަތުރުވެރީންގެ ފަސޭހައަށްޓަކައި ޓާމިނަލްގެ ފާހާނާ ހިދުމަތް އަދި ބޯފެން ލިބުމުގެ އިންތިޒާމް ވެސް ހަމަޖެހިފައި ހުންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ޓާމިނަލްގެ ހިދުމަތް ބޭނުން ކުރާ ފަރާތްތަކާއި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ ހިޔާލާއި މަޝްވަރާއަށް ަބަލައި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުން މަތީ އެ ކުންފުނި ދެމި އޮންނާނެ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.