ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް 5 ވަނަ އިސްލާހު ގެނައުމުގެ ބިލާ މެދު މެންބަރުން އަލުން ވިސްނަވައި މި ބިލު މަޖިލީހުން ބޭރުކޮށްލުމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރްޒޫގު ހުރިހާ މެންބަރުންނަށް ގޮވާލައްވައިފިއެވެ.

އަޒާން މިހެން ވިދާޅުވެފައި މި ވަނީ، އެ ބިލު ތަސްދީގު ނުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ބިލު އަންބުރާ މަޖިލީހަށް ފޮނުވާލެއްވުމުންނެވެ.

އަޒާން ވިދާޅުވީ، ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ މެދު އަލުން ވިސްނެވުމަށް ރައީސުލްޖުމްހޫރިއްޔާ މި ވަނީ އެދިވަޑައިގެންފައި ކަމަށެވެ. މިއީ ފުރަތަމަ ދުވަހު ވެސް މި ބިލާ މެދު އޭނާގެ ވިސްނުން ކަމަށް ވެސް އަޒާން ވިދާޅުވިއެވެ.

މި ބިލަކީ ގާނޫނު އަސާސީ އާ ހިލާފު ބިލެއް ކަމަށާއި އުންމީދަކީ ރައީސް އެދިވަޑައިގެންނެވި ގޮތަށް މަޖިލީހުގެ މެންބަރުން އަލުން ވިސްނަވައި މި ބިލު މަޖިލީހުން ބޭރުކޮށްލުން ކަމަށް އަޒާން ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރެވޭގޮތް ހެދުމަށް ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމާފައި ވާއިރު، ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 9 ވަނަ ޖަލްސާގައި ވަނީ މި ބިލު ފާސްކޮށްފައެވެ. އަދި މި ބިލު ތަސްދީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް، ފޮނުއްވާފައިވާ އިރު ރައީސް ވަނީ މި ބިލާ މެދު އަލުން ވިސްނުމަށް އެދިވަޑައިގެން މަޖިލީހަށް އަނބުރާ ބިލު ފޮނުއްވާފައެވެ.

ކޯޓުތަކުގެ ގާނޫނުގެ ފަސްވަނަ މާއްދާ އަށް އިސްލާހު ހުށަހެޅީ ވެރިކަންކުރާ ޕީއެންސީ އަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރުއެވެ. އޭނާ ހުށަހެޅުއްވި އިސްލާހުގައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު އެކުލެވިގެން ވާނީ ފަސް ފަނޑިޔާރުންގެ މައްޗަށެވެ. މީގެ އިތުރުން އެ މާއްދާ އަށް ބައެއް އަކުރުތައް އިތުރުކުރުމަށް އޭނާ ހުށަހެޅުއްވިއެވެ.

އެގޮތުން ސުޕްރީމް ކޯޓަށް އައްޔަންކޮށްފައިވާ ފަނޑިޔާރަކު ވަކިކުރެވޭނީ އެ މީހަކު ގާބިލްނޫން ކަމަށް ޖޭއެސްސީން ގަބޫލުކޮށް އެ ފަނޑިޔާރަކު ވަކިކުރުމަށް މަޖިލީހަށް ހުށަހަޅައި، ޖަލްސާއަށް ހާޒިރުވި މެންބަރުންގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓުން ފަނޑިޔާރު ކަމުން ވަކިކުރުމަށް ޖޭއެސްސީން މަޖިލީހަށް ހުށަހަޅާ ނަންތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ ފަސް ދުވަހުގެ ތެރޭ ހުށަހަޅަން ޖެހޭނެ، އަދި މި މުއްދަތު ގުނާނީ ބަންދު ދުވަސް ހިމަނައިގެންކަމަށް މި އިސްލާހުގައި ބުނެފައިވެއެވެ.

މި އިސްލާހަށް ވޯޓު ނުދެއްވާ މެންބަރުންގެ ތެރެއިން އަޒާން ހިމެނިވަޑައިގަންންވާ އިރު، ޕީއެންސީ އިން އަޒާނަށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމުގެ އަޑުތައް މީގެ ކުރިން ވަނީ ފެތުރިފައެވެ. އެއާއެކު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އޭނާ ބޭރުކޮށް، އިމްތިޔާޒާއި ސުލޫކު ކޮމިޓީ އާއި ޕެޓިޝަން ކޮމިޓީއަށް އޭނާ ވަނީ ބަދަލުކޮށްފައެވެ.