އުރީދޫ 5ޖީގެ ހިދުމަތް ރާއްޖޭގެ އާބާދީގެ 80 އިންސައްތައަށް ފޯރުކޮށްދީފިއެވެ.
އުރީދޫ އިން ބުނީ އުރީދޫ 5ޖީ އަކީ ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ ފުޅާ 5ޖީ ނެޓްވޯކު ކަމަށާއި، އުރީދޫ 5ޖީ އާއެކު ހަލުއި އިންޓަނެޓް ސްޕީޑެއް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އުރީދޫ އިން ބުނީ މި ހިދުމަތް މިހާރު މީހުން އުޅޭ 779 ރަށަކަށް އަދި 8 ރިސޯޓަށް ލިބިގެންދާނެ ކަމަށެވެ.
އުރީދޫ އިން ބުނީ އުރީދޫ އިން އަބަދުވެސް މަސައްކަތް ކުރަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ސިނާއަތްތައް ޒަމާނީ ޓެކްނޮލޮޖީއާއެކު ބާރުވެރިކުރުވުމަށް ކަމަށާއި އެކި ދާއިރާތަކުން އިނޮވޭޝަން، އެފިޝަންސީ އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަން އަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ.
ރާއްޖޭގައި 2ޖީ އިން ފުރަތަމަ ހިދުމަތް ފޯރުކޮށް ދޭން ފެށި އުރީދޫ، މިހާރު 5ޖީގެ ހިދުމަތް ފަށާފައިވާ އިރު، އެ ހިދުމަތް ރާއްޖޭގައި ފުރަތަމަ ފަހަަރަށް ތައާރަފު ކޮށްފައި ވަނީ މާލެ އަށެވެ. މި ހިދުމަތް މާލެއަށް ތައާރަފް ކޮށްފައިވަނީ 2020 ވަނަ އަަހަރުގެ ޑިސެމްބަރު 20 ވަނަ ދުވަހު އެވެ.
5ޖީ ހިދުމަތް ތައާރަފު ކުރި އިރު އެންމެ ބޮޑަށް މި ހިދުމަތުން ފަސޭހަކަމެއް ލިބިގެން ދާނީ ގޭމް ކުޅޭ މީހުންނަށާއި، ވީޑިއޯ ކޯލް ކުރާ ފަރާތްތަކަށް ކަމަށް އުރީދޫ އިން މީގެކުރިން ވަނީ ބުނެފައެވެ. އަދި އުރީދޫ އިން ބުނީ ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާއަށް ވެސް މި ހިދުމަތަކީ ބޭނުންތެރި ހިދުމަތަކަށް ވާނެ ކަމަށެވެ.
އުރީދޫ އިން ބުނީ 5ޖީ ގައި ހުންނަނީ "ހައި ސްޕީޑަކާއި" "ލޯ ލޭޓެންސީ" އެއް ކަމަށާއި، 5ޖީ ހިދުމަތުގައި 6 މިލިސެކަންޑުގެ ތެރޭގައި ބޭނުން ކުރާ ހިދުމަތެއްގައި ލޯޑް ކުރާ އެއްޗެއް ލޯޑް ވާނެ ކަމަށެވެ. ނަމަވެސް އާންމުކޮށް ބޭނުން ކުރާ 4ޖީ ގައި ލޭޓެންސީ ހުންނަނީ 20 ނުވަތަ 25 މިލިސެކަންޑު ގައެވެ.