18 އަހަރުން މަތީގެ ދިވެހިންނާއި ބައިނަލްއަގުވާމީ ފަރާތްތަކަށް އަމާޒުކޮށްގެން ވިޒިޓް މޯލްޑިވްސް ހެކަތޯންއެއް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ރަސްމީ ކޮށް އިފްތިތާހުކޮށްފިއެވެ.
މި ހެކަތޯންއަކީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ފަރުމާކޮށްފައިވާ 48 ގަޑިއިރުގެ ދިގު ހެކަތޯއެންއެއް ކަމަށް އެމްއެމްޕީއާރްސީ އިން ވަނީ ބުނެފައެވެ. އެމްއެމްޕީއާރްސީ އިން ބުނީ މި ހެކަތޯންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މައުލޫމާތުގެ ސެޝަންތަކެއްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ސެޝަންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ:
- މާޗު 13
- މާޗު 19
- އޭޕްރީލް 7
އެމްއެމްޕީއާރްސީ އިން ބުނީ މި ހެކަތޯންގައި ބައިވެރިވާން ބޭނުން ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި އަކީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ޕްރޮޕޯސަލް އިވެލުއޭޝަންތައް އޭޕްރީލް މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ހެކަތޯންގައި ބައިވެރިވުމަށް ހޮވޭ ޕްރޮޕޯސަލްތައް އޭޕްރީލް މަހުގެ 13 ވަނަ ދުވަހު އިއުލާނު ކުރެވޭނެ ކަމަށްވެސް އެމްއެމްޕީއާރްސީ އިން ވަނީ ބުނެފައެވެ.
މި ހެކަތޯން ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ހެކަތޯން އިފްތިތާހު ކޮށްދެއްވަމުން ޓޫރިޒަމް އަދި އެންވާރަމެންޓު މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ މިހަރަކާތުގައި ބައިވެރިން ގެނެސްދޭ އިނޮވޭޓިވް ވިސްނުންތަކުގެ ޒަރިއްޔާއިން ރާއްޖެ އަންނަ ފަތުރުވެރިންނަށް މަރުހަބާ ކިޔާ ގޮތާއި، އިންޑަސްޓްރީ މެނޭޖްކުރާނެ ގޮތުގެ އިތުރުން ޒިޔާރަތްކުރާ ފަރާތްތަކުގެ ތަޖުރިބާތައް އިތުރުކޮށް ރާއްޖޭގެ ގުދުރަތީ މާހައުލު ހިމާޔަތްކުރާ ގޮތް ބައްޓަން ކުރުމަށް އެހީއަކަށް ވެގެން ދާނެ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެމްއެމްޕީއާރްސީ އިން ދަނީ ރާއްޖެ އިސްތިހާރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އައިޓީބީ ބާލިން 2025 ގައިވެސް އެމްއެމްޕީއާރްސީ އިން ވަނީ ރާއްޖޭފެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ހާއްސަ ސެމިނާއެއްވެސް ބާއްވާފައެވެ.