އަހަރެމެން ދިވެހިންގެ ތެރޭގައި ކޮފީ ބޯ މީހުން ގިނައެވެ. ދުވަހުގެ ފެށުމަކީ ކޮފީއަކަށް ނުވެއްޖެނަމަ މުޅި ދުވަސް "ހަރާބުވާ" މީހުން ގިނަވެއްޖެއެވެ. ވާހަކައެއް ދައްކާލަން ވިޔަސް ނުވަތަ ރައްޓެހިންނާއެކު ވަގުތު ކޮޅެއް ހޭދަކޮށްލަން ވިޔަސް ގުޅާނީ ކޮފީއަކަށް ދާށެވެ. ވަޒީފާގެ މާހައުލުގައި ވެސް ކޮފީ ބްރޭކަކާއި ނުލާ ފުރިހަމަ އަށް މަސައްކަތެއް ނުކުރެވެއެވެ.
މިހާ ހިސާބުން އުފެދޭ ސުވާލަކީ ކޮފީ ބުއިމަކީ ހަށިގަނޑަށް އޭގެއިން ކޮން ކަހަލަ އަސަރެއް ކުރާ ކަމެއްތޯ އެވެ. ކޮފީ ބޯ މީހުންނަށް އޮތީ އުފާވެރި ހަބަރެކެވެ. އެއީ ކޮފީ ބުއިމަކީ ހަށިގަނޑަށް ފައިދާ ހުރި ކަމެކެވެ. ކޮފީ ބުއިމުން ތަފާތު ބަލިތަކުން މީހާ ދުރުކޮށްދޭކަން ދިރާސާތަކުން ދައްކާފައި އެބަހުއްޓެވެ. ކޮފީ ބުއިމަކީ ހަމައެކަނި ދިވެހިންގެ ކަށީގައި ހިފާފައިވާ އާދައެއް ނޫނެވެ. ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި އުޅޭ މީހުންގެ ދުވަހުގެ ފެށުމަކީ ކޮފީއެވެ.
އެގޮތުން ނޭޝަނަލް ކޮފީ އެސޯސިއޭޝަނުން 2023 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި އެމެރިކާގެ 63 އިންސައްތަ މީހުން ކޮންމެ ދުވަހަކު ކޮފީ ބޮއެވެ. އެއީ ފެން ފިޔަވައި އެހެން ހުރިހާ ބުއިމަކަށްވުރެ އިތުރު އަދަދެކެވެ. މީގެއިތުރުން ކޮފީ ވަނީ ޔޫކޭގެ އެންމެ މަގުބޫލު ބުއިމުގެ ގޮތުގައިވެސް ފާހަގަވެފައެވެ. ބްރިޓިޝް ކޮފީ އެސޯސިއޭޝަންގެ މައުލޫމާތު ދައްކާ ގޮތުގައި ޔޫކޭގައި ދުވާލަކު ގާތްގަނޑަކަށް 98 މިލިއަން ތަށި ކޮފީ ބޮއެވެ.
ކޮފީ ބުއިމަކީ ކެންސަރު ޖެހުމާއި މީހާ ދުރުކޮށްދޭ ކަމެއް
ބައެއް ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި ކޮފީ ބޯ މީހުންނަށް ބައެއް ކަހަލަ ކެންސަރުތައް ޖެހުމުގެ ފުރުސަތު ކުޑައެވެ. ކެންސަރަކީ ހަށިގަނޑުގެ ސެލްތައް ކޮންޓްރޯލް ކުރެވޭ މިންވަރަށްވުރެ ގިނައިން އުފެދުމުން ޖެހޭ ބައްޔެކެވެ.
މިއީ ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވުމަށް ދިމާވާ ބައްޔަށް ވާއިރު، ކޮފީ އަކީ ލިވާ ކެންސަރު އަދި ކޮލޮރެކްޓަކް ކެންސަރުން ދިފާއުކޮށްދޭ އެއްޗެކެވެ. ކޮފީ ބޯ މީހުންނަށް ލިވާ ކެންސަރު ޖެހުމުގެ ފުރުސަތު 40 އިނަސައްތަ ކުޑަ ކަމަށް އެމެރިކާގެ ދިރާސާއަކުން ވަނީ ހާމަވެފައެވެ.
ކޮފީ ބުއިމަކީ ކެންސަރުގެ އިތުރުން އެހެނިހެން ބަލި ތަކުންވެސް މީހާ ދުރުކޮށްދޭ އެއްޗެކެވެ. އެގޮތުން ޓައިޕް ޓޫ ޑައިބެޓިކްގެ އިތުރުން ހިތުގެ ބަލިތަކުންވެސް ކޮފީ ބުއިމުގެ ސަބަބުން މީހާ ދުރުކޮށްދެއެވެ. ހާއްސަކޮށް ސްޓްރޯކް ޖެހުމުން މީހާ ރައްކާތެރިކޮށްދެއެވެ. ޓައިފް ޓޫ ޑައިބެޓިކްސް އަކީ އިންސުލިން ރެސިސްޓެންސް ނުވަތަ އިންސުލިން އުފައްދައި ނުދެވުމުގެ ސަބަބުން ހަކުރު މައްޗަށް ގޮސް ޖެހޭ ބައްޔެކެވެ.
މީގެއިތުރުން ކޮފީ ބުއިމަކީ މީހާގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެއް ކަމަށްވެސް ދިރާސާތަކުން ހާމަވެފައި އެބަހުއްޓެވެ. ކޮފީގައި ހުންނަ ބައެއް މުހިންމު ނިއުޓްރިއެންޓްތަކުގެ ތެރޭގައި ރައިބޯފްލޭވިން، ޕެންޓޯތެނިކް އެސިޑް، މެންގަނީސް، ޕޮޓޭސިއަމް، މެގްނީސިއަމް އަދި ނައެސިން ހިމެނެއެވެ. މި ނިއުޓްރިއެންޓުތަކަކީ ހަށިގަނޑަށް ފައިދާ ހުރި މާއްދާތަކެކެވެ.
ނަމަވެސް މި ފައިދާތައް ގުޅިފައިވަނީ ކޮފީ ބޯ މިންވަރާއެވެ. އެހެންކަމުން މި ފައިދާތައް އެންމެ އެދެވޭ ގޮތުގައި ހާސިލުކުރުމަށް ދުވާލެއްގެ މައްޗަށް ބޯން ޖެހެނީ ކިތައް ތަށި ކޮފީ ހެއްޔެވެ؟ މިއީ ކޮންމެ މީހަކުވެސް ދެނެގަތުން މުހިންމު ކަމެކެވެ.
ދުވާލެއްގެ މައްޗަށް ބުއިން ރަނގަޅީ 3 ނުވަތަ 4 ތަށި ކޮފީ
ޔޫއެސް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗާ އާއި ޔޫއެސް ޑިޕާޓްމަންޓް އޮފް ހެލްތް އެންޑް ހިއުމަން ސާވިސަސްއިން ލަފާދެނީ ދުވާލަކު 400 މިލިގްރާމަށްވުރެ ގިނައިން ކެފެއިން ނުބުއިމަށެވެ. އެއީ ގާތްގަނޑަކަށް 3-4 ތަށި ކޮފީއެވެ.
ކެފެއިންގެ އަސަރު ފެށެނީ ކޮފީ ބުއިމަށްފަހު ގާތްގަނޑަކަށް 45 މިނެޓާއި 1 ގަޑިއިރާ ދޭތެރޭގައެވެ. އަދި އޭގެ އަސަރު ދެމިގެންދަނީ 3 ގަޑިއިރާއި 5 ގަޑިއިރާ ދެމެދުގެ ވަގުތަކަށެވެ.
އެހެން މަސްމަހާ ހިލާފަށް ރޯދަ މަހަކީ ކެއުމާއި ބުއިމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލެއް އަންނަ މަހެކެވެ. ކޮފީ ބޯ ފަރާތްތަކަށް ރޯދަ މަހު ހާއްސަކޮށް މިއީ އުނދަގޫ ކަމަކަށް ވެދާނެއެވެ. އެހެންކަމުން ރޯދަ މަހު ކޮފީ ބޯން އެންމެ ރަނގަޅު ވަގުތަކީ ކޮބައި ކަން ދެނެގަތުމަކީވެސް މުހިންމު ކަމެކެވެ. ނޫންނަމަ ގޭސްޓްރިކް ފަދަ މައްސަލަތަކާއި ކުރިމަތި ވުމަކީ އެކަށީގެންވާ ކަމެކެވެ.
ނިއުޓްރިޝަނިސްޓް ޑރ. ރިޓާ ރަމަޔުލިސް އިރުޝާދުދޭ ގޮތުގައި ކޮފީ ބޯ މީހުން ރޯދަ މަހު ކޮފީ ބޯން އެންމެ ރަނގަޅު ވަގުތަކީ ހާރު ކެއުމުގެ ދެ ތިން ގަޑިއިރު ކުރިންނެވެ.
ރޯދަ ވީއްލުމަށްފަހު ވަގުތުން ކޮފީ ބުއިމަކީ ގޭސްޓްރިކަށް މަގުފަހިވެދާނެ ކަމެއް ކަމުގައި ޑރ. ރިޓާ ވަނީ ފާހަގަކޮށްފައެވެ. އަދި ނިދަން ދާ ވަގުތު ކޮފީ ބުއިމަކީ ހަމަ ނިދި ލިބުމުން މަހުރޫމު ވުމަށް މަގުފަހިވާ ކަމެއް ކަމުގައިވެސް ރިޓާ ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން ކޮފީ ބޯނަމަ ދުވާލެއްގެ މައްޗަށް ބޯންވީ 3 ނުވަތަ 4 ތަށި ކޮފީއެވެ. މާ ގިނައިން ކޮފީ ބުއިމަކީވެސް އޭގެ ސަބަބުން ނޭދެވޭ އަސަރު ހަށިގަނޑަށް ކުރުމަށް މަގުފަހިވާ ކަމެކެވެ.
އެގޮތުން މާ ގިނައިން ކޮފީ ބޯނަމަ ނިދަން އުނދަގޫވުމާއި، ހަށިގަނޑުގެ ހަޖަމް ކުރުމުގެ ނިޒާމަށް މައްސަލަ ޖެހުމާއި، ޑީހައިޑްރޭޓް ވުމުގެ އިތުރުން ބޮލުގައި ރިއްސުން ފަދަ ސިއްހީ މައްސަލަ ތަކާއި ކުރިމަތިލާން ޖެހެއެވެ. އެހެންކަމުން ކޮންމެ ކަމެއްވެސް މެދު މިންވަރެއްގައި ބެހެއްޓުމަކީ މުހިންމު ކަމެކެވެ.