އިރުމަތީގެ ގައުމެއްގެ ވެރިކަން ކުރަމުން ދިޔަ އަދުލުވެރި ރަސްކަލެއް އުޅުނެވެ. އެއީ ތެދުވެރި އަދި އިހްލާސްތެރި ވެރިއެކެވެ. އެތައް އަހަރެއް ވަންދެން އެސަހަރުގައި ވެރިކަން ކުރެއްވުމަށް ފަހު މުސްކުޅިވެ ގައިން ބާރުދޫވާ ފެށުމުން ރަސްކަމުގެ ތަހުތައް ދެން އިސްވާނެ ފަރާތެއް ހޮވަން ޖެހޭނެ ކަމަށް އެރަސްގެފާނަށް ވިސްނުނެވެ.

މިކަމާ ގިނަ ދުވަސްތަކެއް ވަންދެން ވިސްނުމަށް ފަހު ރަސްގެފާނު ބޭނުންވީ އޭނާގެ ދަރިން ނުވަތަ ވަޒީރުންނަށް ވެރިކަން ދިނުމުގެ ބަދަލުގައި ތަފާތު ގޮތަކަށް ވެރިކަމަށް އެހެން މީހަކު އައްޔަން ކުރާށެވެ. ސަހަރުގެ ހުރިހާ ޒުވާނުން އެތަނަކަށް އެއް ކުރިއެވެ. އަދި ބުންޏެވެ.

"އަހުރެން މުސްކުޅިވެއްޖެއެވެ. ވެރިކަމުގެ ތަހުތުން އަހުރެން ފައިބާ ދުވަސް އަތުވެއްޖެއެވެ. އަހުރެންނަށް ފަހުން ދެން ތަހުތަށް އިސްވާނީ ތީގެ ތެރެއިން މީހެކެވެ".

އެހެން ބުނެ ރަސްގެފާނުގެ އަމުރަށް ގަނޑުވަރުގެ އަޅުން އޭނގެ ތެރެއިން ކޮންމެ ޒުވާނެއްގެ އަތަށް ގަހެއްގެ އޮށެއް ދިނެވެ. އެއަށް ފަހު ރަސްގެފާނު ވިދާޅުވިއެވެ.

"މިއީ ވަރަށް ހާއްސަ އޮށެކެވެ. ތީގެ ތެރެއިން ކޮންމެ މީހަކު ވެސް ގެއަށް ގޮސް މި އޮއް އިންދާ، އެއަށް ފެންދީ، އޭނގެން ގަހެއް ހައްދާށެވެ. އަދި މީގެ އަހަރެއް ފެހުން އެފަޅާ ގަސް ހިފައިގެން އަހުރެންގެ ގާތަށް އަންނާށެވެ. އަހުރެންގެ ތަހުތު ލިބޭނީ ހައްދައިގެން ގެންނަ ގަހަށް ބަލާފައެވެ."

އެދުވަހު އޮށެއް ލިބުނު ޒުވާނުންގެ ތެރޭގައި ހަސަން ނަމަކަށް ކިޔާ ޒުވާނަކު ވެސް ހިމެނުނެވެ. ރަސްގެފާނު ދެއްވި އޮއް ހިފައިގެން ހަސަން އޭނާގެ ގެޔަށް ދިޔައެވެ. އަދި ގޮސް އޭނާގެ މަންމައަށް ވީ ގޮތް ކިޔާ ދިނެވެ. އެ އޮއް އިންދަން ހަސަނުގެ މަންމަ އޭނާއަށް އެހީވިއެވެ. އެ އޮއް އިންދި ޓުކުރިއަށް ހަސަން ގަވައިދުން ފެންދީ ހަދައެވެ. އަދި އޭނގެ ގަހެއްގެ ނިރު ފަޅާތޯ ބަލާ ހަދައެވެ. ގަހެއްގެ ނިޝާނެއް ވެސް ނުފެނުނު ނަމަވެސް ކޮންމެ ދުވަހަކު ގަވައިދުން ފެންދީ ހަދައެވެ.

އޭނގެ ތިން ހަފްތާ ވަރު ފަހުން ސަހަރުގެ އެހެން ޒުވާނުން އެމީހުންގެ ގަސްތަކުން ނިރުލީ ވާހަކަ ދައްކަން ފެށިއެވެ. އަދި އެގަސްތައް ހެދުމުންދާ ކަމަށް ބުނެ އުފާ ކުރިއެވެ. މި އަޑު އިވި ހަސަން އޭނާގެ ޓުކުރިއަށް އިންތިޒާރުގެ ނަޒަރަކުން ބަލަމުން ދިޔައެވެ. އެހެން ނަމަވެސް އެ އޮށުން ނިރެއް ނިކުންނާނެ ކަމުގެ އެއްވެސް އަލާމާތެއް ނުފެނެއެވެ.

މިގޮތަށް ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އެހެން ޒުވާނުން އެމީހުން ހައްދަމުން ދިޔަ ގަސްތަކަށް ލިބެމުން ދިޔަ ކުރިއެރުމުގެ ވާހަކަތައް ފަހުރުވެރިކަމާއެކު ދައްކަމުން ދިޔައެވެ. ހަނު ހުރެގެން ހަސަނު މިވާހަކަތައް އަޑު އަހަމުން ދިޔައިރު އޭނާގެ ހިތަށް އެރިއެވެ.

"ޔަގީނެވެ. އަހަރެންނަށް ލިބުނު އޮއް އަހަރެންގެ އަތުން މަރުވީއެވެ."

އެންމެ ފަހުން ރަސްގެފާނު އޮއްތައް ބެހިތާ އެއް އަހަރު ފުރިއްޖެއެވެ. ގަސް ހަދަން ހަވާލުކުރެވުނު ޒުވާނުން އެމީހުން ހެއްދި ގަސްތައް ހިފައިގެން ގަނޑުވަރަށް އައުމަށް ރަސްގެފާނު އަމުރުކުރިއެވެ.

ހަސަނުގެ ހުސް ޓުކުރި ހިފައިގެން ގަނޑުވަރަށް ދިއުމަށް އޭނާ ބޭނުމެއް ނުވިއެވެ. އެކަން އޭނާގެ މަންމައާ ހިއްސާކުރުމުން މަންމަ ބުނީ ތެދުވެރިވުމަށެވެ. އަދި އިހްލާސްތެރިކަމާ ތެދުވެރިކަމާއެކު މަސައްކަތް ކުރާ އަޅުންނަށް މާތް ﷲ ރިޒްގު ދެއްވާނެ ކަމަށާ އެ ރިޒްގު ދެއްވާނެ ގޮތް ދެނެވޮޑިގަންނަވާނީ އެކަލާނގެކަމަށް ވެސް ހަސަނުގެ މަންމަ ބުންޏެވެ. މަންމަ އެދެއްކީ ރަނގަޅު ވާހަކައެއް ކަމަށް ހަސަނަށް ގަބޫލުކުރެވުނެވެ.

އަދި ބަރު ހިތަކާއެކު އޭނާގެ ހުސް ޓުކުރި ހިފައިގެން ރަސްގެފާނުގެ ގަނޑުވަރަށް ދިޔައެވެ.

ސަހަރުގެ އެހެން ޒުވާނުން ހައްދާފައިވާ ގަސްތައް ފެނި ހަސަން ހައިރާންވެ އަންތަރީސްވިއެވެ. އެއް ބައި ޒުވާނުންގެ ގަސްތައް އެހާ ބޮޑު އިރު އަނެއް ބައެއްގެ ގަސްތަކުގައި ވަނީ ކުލަ ކުލައިގެ މޭވާ ވެސް އަޅާފައެވެ.

ހަސަނުގެ ޓުކުރި ފެނި ސަހަރުގެ އެހެން ޒުވާނުންގެ ތެރެއިން ބަޔަކު އޭނާއަށް މަލާމަތްކޮށް ފުރައްސާރަކުރިއެވެ. އަދި އަނެއް ބަޔަކު އޭނާގެ ހާލަތާ މެދު ހިތާމަ ފާޅުކުރިއެވެ. ރައްދުގައި ހަސަނު އެއްޗެއް ނުބުނެއެވެ.

ގަސްތައް ހިފައިގެން އައި ޒުވާނުން ތިބި ކޮޓަރިއަށް ރަސްގެފާނު ވަޑައިގަތެވެ. އަދި ހުރިހާ ގަސްތަކެއް ބައްލަވަމުން ގެންދެވިއެވެ. އަދި ހަސަނުގެ ހުސް ޓުކުރިއާ ހިސާބަށް ވަޑައިގެން ރަސްގެފާނު ޓުކުރިއަށް ރަނގަޅަށް ބެއްލެވިއެވެ. އެ ހުސް ޓުކުރި ފެނި ރަސްގެފާނުގެ މޫނު މަތިން އުފާވެރިކަމުގެ އިހްސާސް ކުޑަ ވަގުތުކޮޅަށް ނަމަވެސް ފެނިގެން ދިޔައެވެ. އަދި އެނބުރި އެންމެގެ ކުރި މައްޗަށް ވަޑައިގެން އެ ހުސް ޓުކުރި ގެނައި ޒުވާނަށް އައުމަށް އަމުރުކުރެއްވިއެވެ.

މި އަޑު އިވި ހަސަން ވަރަށް ނުތަނަވަސްވިއެވެ. ރަސްގެފާނު ދެއްވި އޮށުން ގަހެއް ނުދިރުވުނީމަ ރަސްގެފާނު ކޯފާވެވަޑައިގެންނެވީ ކަމަށް ހަސަނަށް ވިސްނުނެވެ. އަދި އެންމެންގެ ކުރީމަތީގައި އޭނާއަށް ހަރުކަށި އަދަބެއް ދޭން އުޅޭހެން ހީވިއެވެ.

ހަސަން ރަސްގެފާނުގެ އަރިހަށް ގޮސް އޭނާގެ ތައާރަފެއް ދިނެވެ.

"އަޅުގަނޑުގެ ނަމަކީ ހަސަނެވެ. ރަސްގެފާނު އަޅުގަނޑަށް ދެއްވި އޮއް އިންދާ އެއަށް އަޅުގަނޑު ފެން ދެމުން ދިޔައީމެވެ. އެހެން ނަމަވެސް އޭނގެން އެއްވެސް ނިރެއް ނުނިކުތެވެ. އަހަރެންނަށް މައާފްކުރާށެވެ."

ހަސަނުގެ ވާހަކަ އަޑުއައްސަވަން ރަސްގެފާނު އިންނެވި އިރު ސަހަރުގެ އެހެން ޒުވާނުން ހަސަނާ ދިމާލަށް އިނގިލި ދިއްކޮށް ހެމުން ގެންދިޔައެވެ. އިސާހިތަކު، ރަސްގެފާނު ތަހުތުން ތެދުވެވަޑައިގެން ވިދާޅުވިއެވެ.

"ބަލާށެވެ. މި ސަހަރުގެ ތަހުތަށް ދެން ހަވާލުވާނެ ރަސްގެފާނަކީ ހަސަނެވެ"

އެހެންވާނީ ކިހިނެއް ހެއްޔެވެ. ހަސަނަށް އޭނާގެ އޮށުން ގަހެއް ނުހެއްދުނެވެ. ރަސްކަން އޭނާއަށް ލިބެންވީ ކީއްވެ ހެއްޔެވެ. ކީއްވެގެން ކަން ކިޔާ ދެއްވީ ރަސްގެފާނެވެ.

"މީގެ އަހަރެއް ކުރިން އަހުރެން ތީގެ ތެރެއިން ކޮންމެ ޒުވާނަކަށް އޮށެއް ދިނީމެވެ. އަދި އެ އޮއް އިންދައިގެން ގަހެއް ހައްދައިގެން އައުމަށް ބުނީމެވެ. އޭނގޭ ހެއްޔެވެ. އެ އޮއްތަކަކީ ފެނު ކައްކާފައި ހުރި އޮއްތަކެކެވެ. އޭނގެ ނިރެއް ފެޅުވުމަކީ ވާނެ ކަމެއް ނޫނެވެ. ހަސަން ނޫން އެހެން ހުރިހާ އެންމެ އެދިން އޮށުން ކޮންމެ ގަހެއް ފަޅުވައިގެން ތި ގެނައީއެވެ. އެއީ އޮށުން ގަހެއް ނުފެޅުމުން އެއޮށުގެ ބަދަލުގައި އެހެން އޮށެއް އިންދައިގެންނެވެ. އެކަމުގައި މަކަރު ހަދައިގެން އަހުރެންނަށް އޮޅުވާލުމުގެ ނިޔަތުގައެވެ"

ރަސްގެފާނުގެ ވާހަކަ މިހާ ހިސާބަށް ދިޔަ އިރު އެއްވެ ތިބި ޒުވާނުންނަށް އެމީހުންނަށް ކުރެވުނު ކުށުގެ އިހްސާސް ކުރެވެން ފެށުނެވެ. އަދި ރަސްކަމުގެ ދަހިވެތިކަމުގައި އެގޮތަށް މަކަރު ހަދައިގެން ކުރާ ކަންކަމުން ލިބޭނެ ފައިދާއެއް ނެތް ކަން އެނގުނެވެ.

"ތީގެ ތެރެއިން ތެދުވެރިކަމާއެކު މިކަމާ ކުރިމަތިލާނެ ހިތްވަރު ހުރީ ހަސަނުގެ އެކަނި. އެހެން ވީމަ މިސަހަރުގެ ރަސްގެފާނަށް ދެންވާނީ ވެސް ހަސަނު"

ރަސްގެފާނު މިހެން ބުނުމުން ހަސަނުގެ ލޮލުން ކަރުނަވެސް އައެވެ. އަދި މަންމަގެ ނަސޭހަތް ގަބޫލުކޮށް ތެދުވެރިކަމާ އެކު މިކަމާ ކުރިމަތިލެވުނީތީ އުފާކުރިއެވެ.

ދިރިއުޅުމުގައި ދިމަވާ ކޮންމެ ކަމަކާ ވެސް ތެދުވެރިކަމާ އެކު ކުރިމަތިލާ މީހާއަށް އާހިރުގައި ފައިދާ ލިބޭނެކަން ޔަގީނެވެ. މި އުއްމަތުގެ ރަސޫލާ މުހައްމަދު ސައްލަﷲ އަލައިހިވަސައްލަމް ހަދީޘްކުރެއްވިއެވެ.

"ތެދުވެރިކަމުން ޞާލިޙުކަން ލިބިގެންދާއިރު، ޞާލިޙުކަމުން ސުވަރުގެއަށް ވަދެވޭނެއެވެ. އަދި މީހަކު ތެދުވެރި މީހަކަށް ވާންދެން ތެދު ބުނަމުން ގެންދެއެވެ. ދޮގުވެރިވެ ބާތިލްވެގެން ވާސިލްވާނީ ނުބައިކަމާއެވެ. އަދި ނުބައިކަމަށް ވާސިލްވާ މީހާ ދާ ހުށީ ނަރަކައިގެ އަލިފާނަށެވެ. އަދި ދޮގު ހަދާ މީހާ މާތް ﷲގެ ކުރިފުޅުމަތީގައި އޭނާއަކީ ދޮގުވެރިއެއް ކަމަށް ލިޔެވެންދެން ދޮގު ހަދާނެއެވެ."