6 މަސްދުވަހުގެ ތެރޭގައި މާލޭ މަގުތަކުގެ ކާނުތައް ސާފުކޮށް ނިމޭނެ ކަމަށް ސިޓީސް، ލޯކަލް ގަވާންމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ވާރޭ ވެހިއްޖެނަމަ މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ފަށާފައި ވަނީ މިއަދު ހެނދުނު 9.30 ގައި މަޖީދީމަގުގެ ލަގްޒަރީ ފިހާރަ ކުރިމަތިންނެވެ.
މި ހަރަކާތް ހިނގަމުންދާ ގޮތް ބައްލަވައިލެއްވުމަށް މިނިސްޓަރު އާދަމް ޝަރީފު ވަނީ މިއަދު އެ ސަރަޙައްދަށް ވަޑައިގެންފައެވެ. އާދަމް ޝަރީފް ވިދާޅުވީ އެންމެ އިސްކަމެއް ދޭނީ މިހާރު ވެސް އެންމެ ބޮޑަށް ފާހަގަކުރެވޭ ސަރަހައްދުތަކާއި ބޮޑެތި މަގުތަކަށް ކަމަށެވެ.
ގިނަވެގެން 6 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށާއި މި ހަރަކާތުގެ ތެރެއިން މާލޭގެ ހުރިހާ މަގެއްގެ ކާނުތައް ސާފުކުރާނެ ކަމަށް މިނިސްޓަރު އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.
މިއަދު ލޯކަލް މިނިސްޓްރީއިން ފެށި މި ހަރަކާތަކީ ވާރޭވެހުމުގެ ސަބަބުން މާލޭ ރައްޔިތުންނަށް ދިމާވާ އުނދަގޫތައް މިހާރަށް ވުރެ ބޮޑަށް ކުޑަކޮށްދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.