ރަށްރަށަށް ދިއުމަށް ލޯންޗު ފެރީގެ ހިދުމަތް ހޯއްދަވާ ރައްޔިތުންނަށް މާލެއަށް އަރާފޭބުމުގައި މިވަގުތު ތަހައްމަލު ކުރަން ޖެހިފައިވާ ތަކުލީފަށް ލުޔެއް ހޯދައި ދިނުމަށް މާލެ ސަރަހައްދުގައި ގާއިމްކޮށްފައިވާ އެމްޓީސީސީގެ ދެ ފެރީޓާމިނަލް ބޭނުން ކުރެވޭނެ ގޮތް ހަދައިފިއެވެ.
މި ގޮތަށް ނިންމާފައި މި ވަނީ، މާލެއަށް އަރާފޭބުމަށް މިވަގުތު ތަހައްމަލު ކުރަމުންދާ ދަތިތަކަށް ލުޔެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދުގެ ދަށުން މި ސަރުކާރުން އެމްޓީސީސީއާ ހަވާލު ކުރުމުންނެވެ.
އެމްޓީސީސީން ބުނީ، މި ކަމަށް އަވަސް ހައްލެއް ގެނައުމުގެ ގޮތުން، މިކުންފުނީގެ ފަރާތުން އޮޕަރޭޓްކުރަމުން އަންނަ ހެންވޭރު އަދި ހުޅުމާލޭ ފެރީ ޓާމިނަލް، މާލެ އާއި އަތޮޅުތެރެއާ ދެމެދު ލޯންޗް ފެރީގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފުރުސަތު ދިނުމަށް މިއަދު ނިންމާފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން އެމްޓީސީސީން މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ، މާލެ އާއި އަތޮޅުތެރެއާ ދެމެދު ލޯންޗް ފެރީގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ތެރެއިން، ހެންވޭރު އަދި ހުޅުމާލެ ފެރީޓާމިނަލްގެ ފަޅު ބޭނުން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށެވެ.
އެމްޓީސީސީގެ މި ދެ ފެރީ ޓާމިނަލަކީ މި ފަދަ ހިދުމަތްތަކަށް ފައްކާކުރެވިފައިވާ ދެތަން ކަމަށް އެމްޓީސީސީން ބުނެއެވެ. އެހެންކަމުން އާންމު ލޯންޗު ފެރީގެ ހިދުމަތް ހޯދާ ރައްޔިތުންނަށް މި ދެ ޓާމިނަލްގެ ބޭނުން ކުރެވޭނެ ގޮތް ހެދުމަށް ސަރުކާރުން ނިންމުމަކީ، އެ ކަމުގެ ސަަބުބުން ރައްޔިތުންނަށް ބޮޑު ލުޔެއް ލިިބގެންދާނޭ ކަމެއް ކަމަށް އެމްޓީސީސީން ބުނެއެވެ.
މި ދެ ޓާމިނަލްގައި މި ހިދުމަތް ފެށިގެންދާ އިރު، ރައްޔިތުންނަށް ފަސޭހަ ނިޒާމެއްގެ ތެރެއިން، ކަންކަން އިންތިޒާމުވެފައި ހުރުމަކީ މި ކުންފުނިން ކަށަވަރު ކުރާނޭ ކަމެއް ކަމަށް އެމްޓީސީސީން ބުނެއެވެ.