ސްޕްރީމް ކޯޓުން ކުރި އަމުރަކަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ހިލާފުވެފައިވާ ކަމަށް ބުނެ ކުރާ ތުހުމަތުތަކަކީ ފިތުނަ އުފެއްދުމަށް ދައްކާ ވާހަކަތަކެއް ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
އުޝާމް މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައާ ގުޅިގެންނެވެ. އެގޮތުން ޖަވާބުދާރީވުމަށް ދައުލަތަށް ދިން 10 ދުވަހުގެ މުއްދަތުގައި ޖަވާބު ހުށަހަޅާފައިނުވާ ކަމަށް ވިދާޅުވެ، އެ މައްސަލައިގައި އުޝާމަށް ފިޔަވަޅު އަޅައިދިނުމަށް އެދި އަލީ ހުސައިން ވަނީ މިއަދު ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުއްވައިފައެވެ.
ނަމަވެސް މިވާހަކަތަކަށް ރައްދު ދެއްވާ އުޝާމް ވިދާޅުވީ ކޯޓުގައި ހިނގަމުންދާ މައްސަލައިގައި އޭޖީއަށް ދިން ރަސްމީ 10 ދުވަހުގެ މުއްދަތުގެ ތެރޭގައި އެ އޮފީހުން ކުރަންޖެހޭ ކަންކަން ކޮށްފައިވާނެ ކަމަށާއި، ސްޕްރީމް ކޯޓުން ދީފައިވާ 10 ދުވަހުގެ މުއްދަތު ގުނަން ޖެހެނީ ސަރުކާރު ބަންދު ދުވަސްތައް ނުހިމަނާ ކަމަށެވެ.
އެއާއެކު އުޝާމް ވިދާޅުވީ މި ރޯދަމަހު ދޮގު ވާހަކަތައް ފަތުރައި، ފިތުނަފަސާދަ އުފެއްދުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ހެޔޮ އަމަލެއް ކުރުމަށް ނަސޭހަތްތެރި ވާކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޕާޓީ ބަދަލުކުރުންނާއި ޕާޓީން ވަކިކުރުމުންވެސް މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީ އިސްލާހުކުރުމާއެކު އެ އިސްލާހު ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ހިނގަމުންދަނިކޮށް، އޭސީސީ އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށްބުނެ މިދިޔަ ހަފުތާގައި ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން ހުސްނުއްސުއޫދާއި، ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ އިތުރުން ޑރ. އަޒްމިރަލްދާ ޒާހިރުވެސް ވަނީ ސަސްޕެންޑު ކޮށްފައެވެ.
އޭގެ ފަހުން މި މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވާފައިނުވާއިރު މިކަމާ ގުޅިގެން ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ މަގާމުން އިސްތިއުފާވެސް ދެއްވާފައެވެ.